އަތޮޅުތަކުގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށް ބަސްތައް ރަށްތަކަށް ފޮނުވަން ފަށައިފި

25 ޖުލައި 2022 - 1:51

މިނީ ބަހުގެ ޚިދުމަތް ފެށުމަށް ބޭނުންވާ ބަސްތައް އެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ރަށްތަކަށް ފޮނުވަން ފަށައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބުނީ، އަތޮޅުތެރޭގެ ރަށްރަށުގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށް ބޭނުންވާ ބަސްތަކުގެ ތެރެއިން 24 ބަސް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިބަސްތައް ފޮނުވުމަށް ހަމަޖެހިފައިވަނީ، އައްޑޫސިޓީއާއި، ފުވައްމުލަކު ސިޓީގެ އިތުރުން ލ.އަތޮޅަށް ކަމަށްވެސް އެމް.ޓީ.ސީ.ސީން މައުލޫމާތުދެއެވެ.

މި ތިން ސަރަހައްދުގެ އިތުރުން މާލޭގައި ބަހުގެ ޚިދުމަތް ފެށުމަށް އެމް.ޓީ.ސީ.ސީން ވަނީ، މިމަހުގެ 16 ވަނަ ދުވަހު ރާއްޖެއަށް 36 ބަސް ގެނެސްފައެވެ. އެކުންފުނިން ދަނީ މިމަހުގެ ފަހުކޮޅު މިޚިދުމަތް ފެށުމަށް ތައްޔާރުވަމުންނެވެ.

އެމް.ޓީ.ސީ.ސީން ބުނީ، މިޚިދުމަތުގައި ބޭނުން ކުރުމަށް އިތުރު 5 ބަސް މިމަހުގެ ފަހުކޮޅު ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިޚިދުމަތުގައި ބޭނުންކުރާ ބަސްތަކަކީ، 18 ނުވަތަ 20 މީހުންގެ ޖާގައިގެ ބަސްތަކެކެވެ.

ބަހުގެ ޚިދުމަތަކީ، ފެންވަރު ރަނގަޅު ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށްޓަކައި ސަރުކާރުން ފަށާފައިވާ މަޝްރޫއު "ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ޚިދުމަތެކެވެ. ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ، އާރްޓީއެލް ފެރީގެ ޚިދުމަތާއި އާރްޓީއެލް ބަހުގެ ޚިދުމަތެވެ.

އެމްޓީސީސީން ބުނީ، އާރްޓީއެލް ބަހުގެ ޚިދުމަތާގުޅޭ ޝެޑިއުލް އެމްޓީސީސީގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ.