ހިޔާގެ ޓަވަރުތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށް މޮނީޓަރ ކުރަންފަށައިފި

21 ޖުލައި 2022 - 15:09

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ހިޔާގެ 4 ޓަވަރެއްގައި 700 އަށްވުރެ ގިނަ ސެކިއުރިޓީ ކެމެރާ ހަރުކޮށް ބޭނުންކުރަން ފަށައިފިއެވެ.

ހިޔާ ސަރަޙައްދުގައި ދިރިއުޅޭ އާބާދީ ދުވަހުން ދުވަހަށް އިތުރުވަމުން ދިއުމާއެކު، އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން އަންނަނީ އެކި މަސައްކަތްތައް ކުރަމުންނެވެ. މީގެ ތެރެއިން ހިޔާ ޓަވަރުތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށް، އެ ސަރަޙައްދުގެ ސަވައިލަންސްގެ ކަންކަން ހަރުދަނާ ކުރުމަކީ އެކުންފުނިން ޚާއްސަ އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތެކެވެ.

މި މަސައްކަތުގެ ދަށުން ހިޔާގެ 4 ޓަވަރެއްގައި 768 ސެކިއުރިޓީ ކެމެރާ ހަރުކޮށް، މިހާރު އަންނަނީ ބޭނުންކުރަމުންނެވެ. އެ 4 ޓަވަރަކީ H14 ،H13 H15 އަދި H16 އެވެ. މިއިން ކޮންމެ ޓަވަރެއްގައި 192 ސެކިއުރިޓީ ކެމެރާ ހަރުކޮށްފައިވާކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ.

އެޗް.ޑީ.ސީން ވިދާޅުވީ، ބާކީ ހުރި 12 ޓަވަރުގައިވެސް ކެމެރާ ހަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މުޅި މި މަސައްކަތް އެއްކޮށް ނިމޭއިރު، ހިޔާ ޓަވަރުތަކުގައި ޖުމްލަ 3072 ސެކިއުރިޓީ ކެމެރާ ހަރުކުރެވިގެންދާނެކަމަށެވެ. މިކަން ކުރަމުންދަނީ އެކި ފަރާތްތަކާއި ޙަވާލުކޮށްގެން ކަމަށާއި، މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަށް ހުރިހާ ޓަވަރެއްގައި ކެމެރާ ހަރުކޮށް ނިންމުމަށްކަމަށްވެސް އެޗް.ޑީ.ސީން ވިދާޅުވެއެވެ.