ލ.ގަމުގައި ހަދާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

16 ޖުލައި 2022 - 11:48

ލ.ގަމުގައި ތަރައްޤީކުރާ 100 ހައުސިން ޔުނިޓްގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ބަރު ވެހިކަލާއި އެހެނިހެން ސަމާނު އެރަށަށް ގެންގޮސް އެމަސައްކަތް ފެށުމަށް އެސްޖޭ ކޮސްޓްރަކްޝަންއިން ތައްޔާރުވެއްޖެއެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން ގަމުގައި 100 ހައުސިން ޔުނިޓް ހަދަން އެސްޖޭ ކޮސްޓްރަކްޝަނާ ޙަވާލުކުރައްވާފައިވަނީ މިއަހަރުގެ މެއި މަހުއެވެ.

ގަމުގައި ކުރިއަށްގެންދާ ހައުސިން މަޝްރޫޢުގައި ހިމެނެނީ މުޅިންވެސް 3 ކޮޓަރީގެ އެޕަރޓްމަންޓްތަކެވެ. މިއީ 1000 އަކަފޫޓުގެ ހައުސިން ޔުނިޓްތަކެކެވެ. އެގޮތުން ކޮންމެ އެޕަރޓްމަންޓެއްގައި 3 ކޮޓަރިއާއި، 3 ފާހަނައާއި، ސިޓީންރޫމް، ބަދިގެ އަދި ލޯންޑްރީއާއި ސްޓޯ ރޫމެއް ހުންނާނެއެވެ.

އެސްޖޭ ކޮންސްޓްރަކްޝަނުން މިހާރު ވަނީ، މިމަޝްރޫއުގެ ޢަމަލީ މަސައްކަތަށް ބޭނުންވާ ބަރު ވެހިކަލާއި އެހެނިހެން ސާމާނު ރަށަށް ގެންގޮސްފައެވެ. އަދި އެކަމަށް ވޭނުންވާ ލޭބަރުންވެސް މިހާރުވަނީ ގަމަށް ގޮސްފައެވެ. މި މަޝްރުއުގެ ކޮސްޓްރަކްޝަން މަސައްކަތްތައް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ރަށުގައި ފަށާފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.

މި މަޝްރޫޢުގައި ހިމަނައިގެން، ހައުސިން ޔުނިޓްތައް ހަދާ ސަރަޙައްދަށް ބޭނުންވާ ބައެއް އާއްމު ޚިދުމަތްތައް ޤާއިމުކުރުން ހިމެނެއެވެ. އެގޮތުން ހައުސިން ޔުނިޓްތައް ހިމެނޭ ސަރަޙައްދު އަލިކުރުމަށް ލައިޓް ޖެހުމާއި، ވެހިކަލް ޕާކުކުރާނެ އޭރިއާއެއް ހެދުން ހިމެނެއެވެ. މީގެއިތުރުން ހައުސިން ޔުނިޓްތަކަށް ދިރިއުޅުން ބަދަލުކުރާ އާއިލާތަކަށް ހިތްފަސޭހަ މާޙައުލެއް ޤާއިމުކޮށްދިނުމަށް، އެތަނުގައި ޕާކެއް ހެދުންވެސް އެއްބަސްވުމުގައި ހިމެނެއެވެ.

ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުގެ ތެރޭގައި ހިމަނައިގެން ކުރިއަށް ގެންދާ މި މަޝްރޫޢުއަކީ 84 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫޢުއެކެވެ. މި މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަންއާއި ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތުގައި މަސައްކަތް ނިންމާ ގޮތަށެވެ.