އުނގޫފާރު ހޮސްޕިޓަލް އާ އިމާރާތުގެ މަސައްކަތް އަންނަމަހު ނިމެނީ

14 ޖުލައި 2022 - 1:58

އުނގޫފާރު ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށްގެނައުމުގެ މަސައްކަތުގައި ހިމެނޭ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް އަންނަމަހު ނިމޭނެކަމަށް އެހޮސްޕިޓަލުން ހާމަކޮއްފިއެވެ.

މި މަސައްކަތް ސަރުކާރުން ފެށީ މިދިޔަ އަހަރުގެ މަރޗް މަހުގެ ތެރޭގައެވެ. 72 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތް މިހާރު މިވަނީ ނިމުމަކާއި ގާތްވެފައެވެ.

ހޮސްޕިޓަލްގެ އިމާރާތުގެ މަސައްކަތްތައް މުޅިން ނިމި، އަންނަ މަހުގެ 10 ވަނަ ދުވަހު އިމާރާތް ސަރުކާރާއި ހަވާލުކުރުމަށް ކޮންޓްރެކްޓަރު މަސައްކަތް ކުރަމުންދާކަމަށް އުނގޫފާރު ހޮސްޕިޓަލުން ހާމަކުރިއެވެ.

އާ އިމާރާތުގެ އެންމެ ބޮޑު ބޭނުމަކަށްވާނީ، އެމަޖެންސީ ރޫމް(އިއާރް)ގެ ޚިދުމަތްތައް އިތުރުކޮށް، އަދި މިހާރު ހޮސްޕިޓަލްގައި ހަދާ ޓެސްޓްތައް ހެދޭނެ ކެޕޭސިޓީ އިތުރުކޮށް ޚިދުމަތްތައް އަވަސް ކުރުމެވެ. މި އިމާރާތުގައި 2 އޮޕަރޭޝަން ތިއޭޓަރުވެސް ހުންނާނެއެވެ.

މި އާއިމާރާތާއިއެކު މުޅިން އަލަށް ހޮސްޕިޓަލްގައި ފެށުމަށް ހަމަޖެހިފައިވާ ޚިދުމަތަކީ އެމްއާރްއައިގެ ޚިދުމަތެވެ. އާ އިމާރާތާއެކު މި ޚިދުމަތް ފެށުމަށް އެ ހޮސްޕިޓަލުން ދަނީ ތައްޔާރުވަމުންނެވެ. އަދި ފިޒިއޯ ޑިޕަރޓްމަންޓްގެ ޚިދުމަތްވެސް ފަށާނެއެވެ.

އާ އިމަރާތުގައި މިހާރު ކުރިއަށް ދަނީ އެންމެ ފަހުގެ ފިނިޝިން މަސައްކަތްތަކެވެ. އެގޮތުން ޔުޓިލިޓީ ޚިދުމަތްތައް ގުޅުމާއި، މުށިޖެހުމާއި ބައެއް ކަހަލަ ކުދި މަސައްކަތްތަކެވެ.

އަދި މިހާރު ދަނީ އާ އިމާރާތަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓްތައް ހޯދުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އިމާރާތް ނިމި ވަސީލަތްތައް ހަމަކޮށް، އަންނަ ނޮވެމްބަރުމަހުގެ ކުރިން އާ އިމާރާތް ބޭނުންކުރަން ފެށޭނެކަމަށް އުއްމީދުކުރައްވާކަމަށް އުނގޫފާރު ހޮސްޕިޓަލުން ވިދާޅުވިއެވެ.

ސިއްހީ ހިދުމަތަށް މާލެއަށް ބަރޯސާވުން ކުޑަކޮށް، އަތޮޅުތަކުން ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން އަތޮޅުތަކުގައި ފެށި މަސައްކަތެވެ. އަތޮޅުތަކުގެ 6 ސަރަޙައްދެއްގެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ ވަޢުދުގެ ދަށުން ގިނަ މަސައްކަތްތަކެއް ފަށައިގެން ދަނީ ކުރިއަށެވެ. މީތެރެއިން 1 ރަށަކީ ރ.އުނގޫފާރެވެ.