ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓު އަޅަން ހަވާލުކޮށްފި

11 ޖުލައި 2022 - 14:42

ހދ. ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓް އަޅަން ސަރުކާރުން ބަޔަކާ ހަވާލުކޮށްފި އެވެ.

ކުޅުދުއްފުށީގައި ހައުސިން ޔުނިޓު އެޅުމަށް ސަރުކާރުން ހަވާލުކުރީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗާ ކުންފުނި ޓުވެންޓީ ތާޑް މެޓާލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑްއާ އެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 540 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.

އެ 400 ހައުސިން ޔުނިޓުތަކުގައި 1000 އަކަފޫޓު ހުންނައިރު، ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރި އާއި ފާހަނައެއްގެ އިތުރުން ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންދަރީ އަދި ސްޓޯ ރޯމް ހިމެނެ އެވެ. ޖުމްލަ 11 ބުރިއަށް އިމާރާތްކުރާ މި ހައުސިން ޔުނިޓުތަކުގައި ހުންނަނީ ދެ ލިފްޓެވެ.

އެ ޔުނިޓުތަކުގެ ގްރައުންޑް ފްލޯ ކޮމާޝަލް އަދި މެއިންޓެނަންސް އޮފީސް ގާއިމްކުރަން ހަމަޖެހިފައިވާއިރު، ކޮންމެ އެޕާޓްމަންޓަކަށް ސައިކަލު ޕާކިން ޖާގައެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ހައުސިން ޔުނިޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ގާއިމް ކުރުމަށްޓަކައި ހައުސިން ޔުނިޓުތައް ވަށައިގެން އަލިކޮށް، ޕާކެއް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ޖުމްލަ 439 މިލިއަން ރުފިޔާއަށް ހަވާލުކުރި މި ހައުސިން ޔުނިޓުތަކުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ޑިރެކްޓާ ޖެނެރަލް އަހްމަދު ވިޝާން ނަސީމު ސޮއިކުރެއްވިއިރު، ދޮންބޭޒާއި ޓްވެންޓީ ތާޑް މެޓާލާޖިކަލް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ ދޮންބޭޒްގެ އޮޕަރޭޝާންސް ހެޑް އަލީ ހަމްދޫނެވެ.