ރައްޔިތުންނަށް ފަސޭހަވާނެގޮތަކަށް އެމްޓީސީސީ ބަސް ޝެޑިއުލްއަށް ބަދަލުތަކެއް

11 ޖުލައި 2022 - 14:28

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ގްރޭޓާ މާލޭ ސަރަޙލހައްދުގައި ދެމުން އަންނަ ބަސް ދަތުރުތަކުގެ ޝެޑިއުލަށް ބަދަލުތަކެއް ގެނެސްފިއެވެ.

އެކުންފުނިން ބުނީ، މި ބަދަލުތައް ގެނެސްފައިވަނީ އާއްމުންގެ ވީހާވެސް ފަސޭހައިން ދަތުރުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކަމަށެވެ. އެގޮތުން، މާލޭ ވެސްޓް ޕާކުން ހުޅުމާލޭ ފޭސް 1 ބަސް ރޫޓާއި، މާލޭ ކާނިވަލުން ހުޅުމާލޭ ފޭސް 1 ބަސް ރޫޓުގެ ދަތުރުތައް ދަންވަރު 00:15 އާއި ހަމައަށް ވަނީ އިތުރުކޮށްފައެވެ.

މި ބަދަލާއެކު ޑިއުޓީ އުޞޫލުން މަސައްކަތްކުރާ ފަރާތްތަކަށް ދަންވަރު 12:00 ގައި ޑިއުޓީ ނިންމުމަށްފަހު ބަހުގެ ހިދުމަތް ބޭނުންކޮށްގެން މާލެ އަދި ހުޅުމާލެއަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް އެމްޓީސީސީން ބުންޏެވެ.

މި ރޫޓުގެ އިތުރުން ހުޅުމާލޭ ފޭސް 2 އިން އެއާޕޯޓް ބަސް ރޫޓަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން، ބަސް ޝެޑިއުލް 1 ގަޑިއިރުން 30 މިނެޓަށް ބަދަލުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ ސަބަބުން ހުޅުމާލޭ ފޭސް 2 އިން އެއާޕޯޓަށް ވަޒީފާއަށް ދަތުރުކުރާ ފަރާތްތަކަށާއި، ފުރުމަށް ދާ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށްވެސް އެމްޓީސީސީން ބުންޏެވެ.

އެ ކުންފުނިން ބުނީ، އާންމު ބަސް ހިދުމަތަކީ ލުއިފަސޭހަ، ހިތްހަމަޖެހޭ، އަދި ރައްކާތެރި ހިދުމަތެއްގެ ގޮތުގައި ފޯރުކޮށްދީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން ބަސް ދަތުރުގެ ހިދުމަތް ފޯރުކޮށްދޭ ވަގުތު އިތުރުކުރުމުން ހިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ލުއިފަސޭހަކަން ލިބިގެންދާނެކަމަށް އެކުންފުނިން ބުންޏެވެ.