ވަޒީފާ ނެތް މީހުންނަށް އެހީވުމަށް ވޯލްޑް ބޭންކާއި ގުޅިގެން އަންއެމްޕްލޯއިމަންޓް އިންޝުއަރެންސް ބެނެފިޓް ސްކީމެއް

6 ޖުލައި 2022 - 16:23

ރާއްޖޭގައި ވަޒީފާ ނެތް ފަރާތްތަކަށް އެހީވުމަށް ވޯލްޑް ބޭންކާ ގުޅިގެން އަންއެމްޕްލޯއިމަންޓް އިންޝުއަރެންސް ބެނެފިޓް ސްކީމެއް ތަޢާރަފުކުރުމަށް ދިވެހި ސަރުކާރުން ވޯލްޑް ބޭންކާ އެކު ސޮއިކޮށްފިއެވެ.

ވަޒީފާނެތް ފަރާތްތަކަށް ޚާއްސަ އިނާޔަތެއް ދިނުމަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ މަސައްކަތެކެވެ. އެގޮތުން އެ ފަދަ ފަރާތްތަކަށް އެހީވުމުގެ ގޮތުން އަންއެމްޕްލޯއިމަންޓް ބެނެފިޓް ސްކީމެއް ތަޢާރަފުކުރުމަށާއި، "އެކްޓިވް ލޭބަރ މާރކެޓް ސާރވިސަސް"ގެ ޚިދުމަތް ތަޢާރަފުކޮށް ފުޅާކުރުމަށް ހަމަޖެހިފައިވާ 'ސަސްޓެއިނަބަލް އެންޑް އިންޓަރގްރޭޓެޑް ލޭބަރ ސަރވިސަސް ޕްރޮޖެކްޓް' (ސެއިލްސް)ގެ ޕްރޮޖެކްޓް އެގްރީމެންޓްގައި ވޯލްޑް ބޭންކާއިއެކު، މިނިސްޓްރީ އޮފް ފިނޭންސް އަދި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ސޮއިކޮށްފިއެވެ. 

މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓް އަދި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުންނެވެ. 

މިއެއްބަސްވުމުގެ ދަށުން، ރާއްޖޭގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެތެރެއިން މަސައްކަތްތެރިންނަށް ފޯރުކޮށްދެވޭ ޚިދުމަތްތައް ފުޅާކުރުމަށް އަންއެމްޕްލޯއިމަންޓް އިންޝުއަރެންސް ސްކީމެއް ތައާރަފު ކުރުމާއި، ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ވަޒީފާގެ ބާޒާރުގެ ފުރުސަތުތައް ފަހިކޮށް، މަސައްކަތްތެރިންގެ ވިލުންތެރިކަން އިތުރުކުރުމަށް ސެއިލްސް ޕްރޮޖެކްޓްގެ ތެރެއިން ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުމުގެ އިތުރުން ރިޓަޔަރމަންޓް ޕެންޝަން ސްކީމު އިތުރަށް ހަރުދަނާ ކުރުމުގެ ފުރުސަތު ޕެންޝަން އޮފީހަށް ފަހިވެގެންދާނެއެވެ. 

މިނިސްޓްރީ އޮފް ފިނޭންސްގައި ބޭއްވި ރަސްމިއްޔާތެއްގައި ޕެންޝަން އޮފީހުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެކްޓިންގ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލާ ސުޖާތާ ޙަލީމް އެވެ. ވޯލްޑް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ  ކަންޓްރީ ޑިރެކްޓަރ، ފާރިސް ހަދާދް ޒަރވޯސް އެވެ.