ފުރަތަމަ 6 މަސްދުވަސް ތެރޭ އަށްލައްކަ ފަތުރުވެރިން: އަމާޒުގެ %50 ހާސިލްވެއްޖެ

6 ޖުލައި 2022 - 16:40

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް 809،603 (އަށްލައްކަ ނުވަހާސް ހަސަތޭކަ ތިން) ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ރާއްޖެއަށް މިއަހަރު ގެނައުމަށް އަމާޒު ހިފާފައިވާ ފަތުރުވެރިންގެ އަދަދުގެ 50 އިންސައްތައެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަހަރު ކަނޑައަޅާފައިވާ އަމާޒަކީ ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ގެނައުމެވެ. ކޯވިޑްގެ ހާލަތާއި އަދި ރަޝިއާ ޔޫކްރެއިންގެ ހަނގުރާމައިގެ ތެރޭގައިވެސް ފުރަތަމަ 6 މަސްދުވަސް ނިންމާލާފައިވަނީ މި އަމާޒުގެ %50 ހާސިލްވެގެންނެވެ.

މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ލޯ ނުވަތަ ފަތުރުވެރިކަން ދަށް ސީޒަންއެވެ. ކުރިއަށްއޮތީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ސީޒަނަށްވުމުގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

އަހަރުގެ ފުރަތަމަ 6 މަސްދުވަހަށް ބަލާއިރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. އެއީ 119،967 ފަތުރުވެރިންނެވެ. މިއީ މި މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންގެ %14.8 އެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެއީ 96176 ފަތުރުވެރިންނެވެ. 3 ވަނައިގައި އުޅެނީ ރަޝިއާއެވެ. އަހަރުގެ މިހާތަނަށް ރަޝިއާއިން ރާއްޖެ އައިސްފައިވަނީ 812666 ފަތުރުވެރިންކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިއަހަރުގެ ފުރަތަމަ 6 މަސްދުވަހަށް ބަލާއިރު ކޮންމެ މަހަކުވެސް ރާއްޖެއަށް 1 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ. އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މާރޗް މަހުއެވެ. އެމަހު ރާއްޖެއަށް 150،748 ފަތުރުވެރިން އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ރާއްޖެއަށް މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 4498 ފަތުރުވެރިން އާދެއެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ފަތުރުވެރިން އަންނަ މިންވަރު ވަނީ %59.2 ގެ ކުރިއެރުމެއްވެސް ހޯދާފައެވެ.