ހަތް މަސް ތެރޭ އަމީނީމަގުގައި ތާރު އަޅައި ނިންމަނީ
5 ޖުލައި 2022 - 17:03
މާލޭގެ ބޮޑެތި މަގުތަކުގެ ތެރޭގައި ހިމެނޭ އެއް މަގު ކަމަށްވާ އަމީނީމަގު އަލުން ތަރައްގީކޮށް ކުރިއަށް އޮތް ހަތް މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ސޮއިކޮށްފިއެވެ.
މިއެއްބަސްވުމުގައި ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރްޑީސީ) އިން ސޮއިކޮށްފައި ވަނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) އެވެ. ހައުސިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ވަހީދެވެ.
މި މަޝްރޫއުގެ ދަށުން 1.7 ކިލޯ މީޓަރުގެ މަގުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ މަގުގައި ފެން ހިންދާ ނިޒާމު ގާއިމް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި އެ މަގުގައި މަގުބައްތި ޖެހުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އާރްޑީސީ އަށް ހަވާލު ކޮށްފައި ވަނީ 84.4 މިލިއަން ރުފިޔާ އަށެވެ.
މި މަސައްކަތާއި ބެހޭގޮތުން ވާހަކަދައްކަވަމުން އާރްޑީސީގެ އެމްޑީ ވިދާޅުވީ މާލޭގެ މަގުތައް ޒަމާނީ ފެންވަރެއްގެ ތަރައްގީ ކުރުމަށް ސަރުކާރުން އިއުލާން ކޮށްފައިވާ މާލެ ސްޓްރީޓް ސްކޭޕިން މަޝްރޫއުގެ މަސައްކަތްތައް އަހަރެއްހާ ދުވަސް ވަންދެން ހުއްޓުމަކަށް އައިސްފައި އޮތުމަށްފަހު އަލުން މަސައްކަތް ފެށިގެން ދިއުމަކީ މާލޭގެ ރައްޔިތުންނަށާއި އަދި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލިބިގެން ދާނެ އުފަލެއް ކަމަށެވެ.
މޫކޭ ވިދާޅުވީ އާރްޑީސީ އިން މާލޭގެ މަގުތައް ތަރައްގީ ކުރަނީ އެ މަގުތަކަކީ އާއްމުންނަށް ހިތްފަސޭހަ ވާނެ ގޮތަކަށް ކަމަށެވެ. އެގޮތުން އަމީނީ މަގުގައި ވެސް އެ ސިފަ ފެނިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަޝްރޫއުގެ ސަބަބުން އެކިއެކި މަސައްކަތްތަކަށް މަގު ކޮންނަން ޖެހޭ މިންވަރު މަދުވެ، މަގުގައި ދުއްވާ އުޅަނދުތަކަށާއި ހިނގާ މީހުންނަށް އިތުރު ލުއިތަކެއް ލިބިގެން ދާނެ ކަމަށް އާރްޑީސީ އިން ބުނެއެވެ.