އާރްޓީއެލް ފެރީގެ ހިދުމަތް ހއ. އަތޮޅުގައި ރަސްމީކޮށް ފަށައި، ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދަތުރުތައް ހިލޭ

4 ޖުލައި 2022 - 1:19

އާރް.ޓީ.އެލް ފެރީގެ ހިދުމަތް ހއ. އަތޮޅަށް ރަސްމީކޮށް ފަށައި, ކުޑަކުދިންނާއި ނުކުޅެދޭ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެ ކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން ހާމަކޮއްފިއެވެ.

ހއ. ގެ ފެރީ ދަތުރުތައް އިއްޔެ ރަސްމީކޮށް ފަށާފައިވާއިރު، މިދިޔަ މަހުގެ 26 ން ފެށިގެން މި މަހުގެ 02 ވަނަ ދުވަހާ ހަމައަށް "އަހުލުވެރި ކުރުމުގެ" ދަތުރުތައް އާރް.ޓީއެލް އިން ހއ. ގައި ކުރިއަށް ގެންގޮސްފައިވެއެވެ. މި ދަތުރުތައް ކުރިއަށް ގެންގޮސްފައިވަނީ ހިލޭއެވެ.

ހއ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ހަފްތާގެ ހަތް ދުވަހު އަށް ރޫޓަކުން ލިބޭނެ:

ރޫޓް އެސް 1 ސީ 1: ތުރާކުނު - ދިއްދޫ

ރޫޓް އެސް 1 ސީ 2: މުޅަދޫ - ދިއްދޫ

ރޫޓް އެސް 1 ސީ 3: މާރަންދޫ - ދިއްދޫ

ރޫޓް އެސް 1 ސީ 4: ފިއްލަދޫ - ދިއްދޫ

ރޫޓް އެސް 1 ސީ 5: ކެލާ - ދިއްދޫ

ރޫޓް އެޗް 1: އިހަވަންދޫ - ކުޅުދުއްފުށި ސިޓީ

ރޫޓް އެސް 1 ސީ6: ދިއްދޫ - ހަނިމާދޫ

ރޫޓް އެސް 1 ވީ1: ދިއްދޫ - ކުޅުދުއްފުށި ސިޓީ

އާރ.ޓީ.އެލް ފެރީގެ އަތޮޅު ތެރޭގެ ދަތުރުތަކުގެ އަގު 35 ރުފިޔާއާއި 100 ރުފިޔާ ދެމެދު އުޅޭއިރު، އެއް އަތޮޅުން އަނެއް އަތޮޅަށް ކުރާ ދަތުރުތަކުގެ އަގުތައް އުޅެނީ 100 ރުފިޔާއާއި 150 ރުފިޔާއާއި ދެމެދުގައެވެ. އާރ.ޓީ.އެލްގެ ވެބްސައިޓުންނާއި، އާރ.ޓީ.އެލްގެ އެޕް މެދުވެރިކޮށް ފެރީ ޓިކެޓު ބައްލަވައިގަނެވޭނެއެވެ.

ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން ދޭ ރާއްޖެ ހައިސްޕީޑް ފެރީގެ ހިދުމަތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރަތްތަކަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ދެއްވާފައިވާ ކާޑު ހުށަހެޅުމުން އެފަރާތްތަކަށް ހިލޭ ދަތުރު ކުރެވޭނެ އެވެ.

މި މަޝްރޫއުގެ ޒޯން އެކެއްގެ ހިމެނޭ ހއ އަތޮޅަށް ކަނޑައަޅާފައިވާ އަގުތަކުގައި ދަތުރުތައް ފަށާފައިވާއިރު ފުރަތަމަ ފިޔަވަހީގެ ދަށުން އާރުޓީއެލްގެ ހިދުމަތް ޒޯން 1 ގެ ށ. އަތޮޅު ފިޔަވައި ދެން ހިމެނޭ ދެ އަތޮޅުގައި މިޙިދުމަތް މިވަނީ ރަސްމީކޮށް ފެށިފައެވެ.