ޓޫރިޒަމާބެހޭ ޤާނޫނަށް 11 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައިފި

4 ޖުލައި 2022 - 0:48

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު ( ޤާނޫނު ނަމްބަރު: (02/99 އަށް 11 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޞްދީޤުކުރައްވައިފިއެވެ. މި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި އިޞްލާޙުން ގެނެސްފައިވާ މައިގަނޑު ބަދަލުތަކުގެ ތެރޭގައި، ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން ޖޮއިންޓް ވެންޗަރ އުސޫލުން ކުއްޔަށްދޫކޮށްފައިވާ ރަށްތައް ކުއްޔަށް ހިފާފައިވާ ކުންފުނިތަކުގެ ޙިއްޞާ ވިއްކާލުމުގައި މާކެޓް ވެލިއުއަށް ރިއާޔަތްކޮށް ހުރިހާ ފަރާތެއްގެ ވެސް ޙައްޤުތައް ހިމާޔަތްކުރެވޭނެ އުސޫލެއްގެ ތެރެއިން އެ ތަންތަނުގެ ޙިއްޞާގެ އަގު ކަނޑައެޅޭނެ ގޮތަކަށް މަގުފަހިކޮށްދިނުމާއި، ކައުންސިލުތަކަށް އެކަށީގެންވާ ޢާމްދަނީއެއް ލިބޭފަދަ ގޮތަކަށް މާކެޓް ވެލިއުއަށް ބިންތައް ކުއްޔަށް ދޫކުރުމަށް މަގުފަހިކޮށްދިނުމާއި މީހުން ދިރިއުޅޭ ރަށްރަށުގައި ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ޙައްޤުތައް ބަދަލުކުރުމުގައި ހުއްދަދޭ ފަރާތަކަކީ ކައުންސިލުތައް ކަމުގައި ކަނޑައެޅުން ހިމެނެއެވެ.

މި އިޞްލާޙުގެ ދަށުން ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް ގެނެވޭ އިޞްލާޙުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ގަވާއިދުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަޖެހެއެވެ.

އަދި މިނިސްޓްރީން ހުއްދަ ދީގެން ފަތުރުވެރިން ބެއިތިއްބުމަށް ރަޖިސްޓަރީކޮށްފައިވާ ޓޫރިސްޓް ހޮޓާ، ޓޫރިސްޓް ގެސްޓްހައުސް އަދި ޔޮޓް މެރީނާތަކުގެ ހިންގުމުގެ ހުއްދަ މި މި އިޞްލާޙުގައި ބަޔާންކޮށްފައިވާ ގޮތަށް މި އިޞްލާޙް ޤާނޫނަކަށްވެ ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 12 (ބާރަ) މަސްދުވަސް ހަމަވާ ތާރީޚުގެ ކުރިން ބަދަލުކުރަންޖެހެއެވެ. އަދި، އެފަދަ ތަންތަން ހިންގުމަށް މި އިޞްލާޙަށް ޢަމަލުކުރަން ފެށުމުގެ ކުރިން މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ އެ މުއްދަތު ހަމަވަންދެން ދެމިއޮންނާނެކަމުގައި ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 11 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާއި ގުޅިގެން މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ.މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މި ޤާނޫނު ފާސްވެ ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.