ހުޅުމާލެ ފޭސް 2 ގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް!

29 ޖޫން 2022 - 15:42

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ދާކަމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ. މިގޮތުން އެސަަރަހައްދުގައި ދެ މެޑިކަލް ފެސިލިޓީއެއް ގާއިމްކުރަން ހަމަޖެހިފައިވާ ކަމަށް އެޗްޑީސީ އިން ބުނެފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ބުނީ 2021 ވަނަ އަހަރު ހުޅުމާލެ ފޭސް 2 ގައި މީހުން ދިރިއުޅެން ފަށާފައިވާއިރު އެ ސަރަހައްދުގައި ދިރިއުޅެމުންދާ އާންމު ރައްޔިތުންނަށް ބޭނުންވާނެ ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެކޯޕަރޭޝަންގެ ފަރާތުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން، މިހާރު އެ ސަރަހައްދުގައި ކެފޭ/ރެސްޓޯރެންޓް، ކާބޯތަކެތި ވިއްކާ ފިހާރަތައް އަދި ކްލިނިކް ވަނީ ހުޅުވާލައިފައި ކަމަށާއި ސުކޫލްތަކާއި މެޑިކަލް ފެސިލިޓީތަކެއް އެޅުމަށް ވެސް ވަނީ ރޭވިފައި ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ ހިޔާ ސަރަހައްދުގައި 2 މެޑިކަލް ފެސިލިޓީއެއް ގާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން، ކޭޕީ-9 ޕްލޮޓްގައި 71127.92 އަކަފޫޓުގެ މެޑިކަލް ފެސިލިޓީއެއް ގާއިމްކުރުމަށް ވަނީ ކަނޑައަޅާފައެވެ. އަދި އެން5-50 ޕްލޮޓް ގައި 67522.01 އަކަފޫޓުގެ ފެސިލިޓީއެއް ގާއިމްކުރެވޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އަދި އެން5-50 ޕްލޮޓްއީއޯއައި އަށް ހުޅުވާލެވިފައިވާއިރު އީއޯއައި ހުށަހަޅާ އެވޯޑްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިޔަށެވެ.

މީގެއިތުރުން، ހިޔާ ޓަވަރުތަކުގެ ގްރައުންޑް ފްލޯއިން ކޮމާޝަލް ޔުނިޓްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ޔުނިޓްތަކުން ކްލިނިކް އަދި ސިއްހީ ހިދުމަތްދޭ ތަންތަން ވަނީ ކަނޑައަޅާފައެވެ. އެގޮތުން އެ ސަރަހައްދުގައި 4 ފާމަސީއަކާއި 3 ކްލިނިކެއް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

"އެހެންކަމުން ފާމަސީއާއި ކްލިނިކްގެ ޖުމްލަ 7 ތަނެއް ހިޔާ ސަރަހައްދުގައި ގާއިމްކުރެވިގެންދާނެއެވެ. އަދި މިހާރު އާންމުންނަށް ގަތުމަށް ހުޅުވާލެވިފައިވާ ވިނަރެސް ފްލެޓްތަކުގެ ތިރިންވެސް ކްލިނިކް ހިންގުމަށް ޔުނިޓްތަކެއްވަނީ ކަނޑައަޅާފައެވެ." އެޗްޑީސީން މަޢުލޫމާތު ދީފައިވެއެވެ.

އެޗްޑީސީން ބުނީ މިފަދަ ގިނަ ހިދުމަތްތައް ވީހާވެސް އަވަހަށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި އެކޯޕަރޭޝަނުން ދަނީ ޕްލޭންތަކެއް އެކުލަވާލައި ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އަދި ހުޅުމާލެގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށް އެޗްޑީސީން ހާމަކޮށްފައިވެއެވެ.