ހޮޅުދޫގައި އަޅަން ހަމަޖެއްސި 30 ހައުސިން ޔުނިޓް ހޮޅުމީދޫއަށް ބަދަލުކޮށް އެރަށް އާބާދުކުރަނީ

19 ޖޫން 2022 - 13:39

ނ. ހޮޅުދޫގައި ސަރުކާރުން އަޅަން ނިންމާފައިވާ 30 ހައުސިން ޔުނިޓް އެ ރަށުގެ އިހްތިސޯސްގެ ތެރޭގައި އޮންނަ ފަޅުރަށެއް ކަމަށްވާ ހޮޅުމީދޫގައި އެޅުމަށް ސަރުކާރުން ނިންމައިފިއެވެ.

ހޮޅުދޫގައި 30 ހައުސިން ޔުނިޓް އެޅުމަށް މި ސަރުކާރުން ނިންމައި އެކަން އިއުލާން ކޮށްފައިވަނީ, މި އަހަރުގެ އޭޕްރީލް މަހުގައެވެ.

ނަމަވެސް ބޯހިޔާވަހިކަމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ހޮޅުދޫގެ ގިނަ ރައްޔިތުން ބޭނުންވަނީ އެ ހައުސިން ޔުނިޓްތައް ހޮޅުމީދުގައި އެޅުމަށެވެ. އަދި އެކަން ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވެސް ދަންނަވާފައެވެ.

ހޮޅުދޫ ސްކޫލަށް 75 އަހަރު ފުރުން ފާހަގަ ކުރުމަށް އެ ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ, އެ ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދަން ޖެހޭ ކަމަށެވެ. އަދި ހޮޅުދޫގެ ފަޅުގެ ޖާގަ ނެތުމުން ބިން ހިއްކައިގެން ބޯހިޔާވަހިކަމަށް ހައްލު ގެނެވެން ނެތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"މިރަށުގެ ރައްޔިތުން ބޭނުންވަނީ މި ރަށުގައި އަޅަން ސަރުކާރުން މިވަގުތަ ނިންމާފައި އޮތް 30 ހައުސިން ޔުނިޓް މިރަށުގެ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ހަމަޖެއްސި ހޮޅުމީދުއަށް ބަދަލުކޮށް އެ ރަށް އާބާދުކުރަން. އިރާދަކުރެއްވިއްޔާ، އެކަން އަޅުގަނޑުމެން އެގޮތަށް ކޮށްދޭނަން," ރައީސް ވިދާޅުވިއެވެ.

ހޮޅުމީދޫގައި ހައުސިން ޔުނިޓްތައް އަޅަން ނިންމާފައިވާކަން އިއުލާނު ކުރެއްވުމަށްފަހު ރައީސް ވަނީ އެ ރަށަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ޤާއިމުކޮށްދޭނެ ކަމަށް ވައުދުވެވަޑައިގެނަފައެވެ.