ހުޅުމާލޭގައި 2،000 ހައުސިން ޔުނިޓު ހަދަން އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްފި

9 މާޗް 2021 - 9:23

ހުޅުމާލެ ދެވަނަ ފިޔަވަހީގައި 2000 ހައުސިން ޔުނިޓު ހަދަން އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް އާއެކު އިންޖިނިއަރިން، ޕްރޮކިއުމަންޓް އެންޑް ކޮންސްޓްރަކްޝަން (އީޕީސީ) އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސަލްފިއްޔާ އަންވަރެވެ. ޖޭއެމްސީ ޕްރޮޖެކްޓްސްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ އެސިސްޓަންޓް ވައިސް ޕްރެޒިޑެންޓް، ކޮންޓްރެކްޓްސް ސައުތު އިންޑިއާ އޮޕަރޭޝަންސް ކައްރި ސުދާކަރަ ރެޑީ އެވެ.

މި މަޝްރޫއުގެ ދަށުން 650 އަކަފޫޓުގެ ދެ ކޮޓަރީގެ 600 ޔުނިޓު އަދި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1400 ޔުނިޓު ހަދާނެ އެވެ.

މި މަޝްރޫއު އަކީ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް އިންޑިއާ (އެގްޒިމް ބޭންކް)ގެ ލޯނު އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. 137 މިލިއަން ޑޮލަރުގެ މި މަޝްރޫއު ފުރިހަމަކުރުމަށް ތިން އަހަރާއި އެއް މަސް ދުވަސް ނަގާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނެ އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނަކީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން މި ސަރުކާރުން އުފެއްދި ކުންފުންޏެވެ.