ނ.ހެނބަދޫ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތުގެ %51 ނިމިއްޖެ

15 ޖޫން 2022 - 16:46

އެމްޑަބްލިޔުއެސްސީ އިން ނ. ހެނބަދޫގައި ގާއިމުކުރާ ފެނުގެ ނިޒާމުގެ މަސައްކަތުގެ މުޅި މަޝްރޫއުގެ 51 ޕަސެންޓަށް ވުރެ ބޮޑު ބައި ނިމިއްޖެ އެވެ.

އެމްޑަބްލިޔުއެސްސީން ހާމަކުރިގޮތުގައި 41.36 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެނބަދޫގެ ފެނުގެ ނިޒާމްގައި ގާއިމްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން ހެނބަދޫގައި 4.83 ކިލޯ މީޓަރުގެ ދިގު ފެން ހޮޅިގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމުގެ މަސައްކަތްތަކާއި، ބޯހޯލް ތޮރުފުމުގެ މަސައްކަތްތަކާއި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން މަސައްކަތްތަކާއި އަދި ފެން ރައްކައުކުރާ ތާނގީގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތްތައް ވަނީ ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މީގެ އިތުރުން، ގޭގޭގައި ފެން މީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދި މި ގެތަކަށް ރައްކާތެރި ފެން ފޯރުކޮށްދެވިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އެމްޑަބްލިއުއެސްސީން ބުނީ ފެން އުފެއްދުމަށްޓަކައި 2 އާރްއޯ ޕްލާންޓް ހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާނގީ ބެހެއްޓުމުގެ މަސައްކަތް ފެނުގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި އަދި ފެން ތަހްލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

ހެނބަދޫގެ ފެނުގެ މަސްރޫއުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

މިމަސްރޫއުގެ މަސައްކަތް ނިމުމުން ހެނބަދޫ ރައްޔިތުންނަށް ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.