ބަނޑޮސް ގޮނޑުދޮށް ހިމާޔަތް ކުރަން އެމްޓީސީސީން ސައިޓް މޮބިލައިޒް ކޮށްފި

15 ޖޫން 2022 - 15:56

ކ. ބަނޑޮސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ (ހުޅަނގު–އިރުމަތީ ކޮޅު) އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީން ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފިއެވެ.

މިދިޔަ ހޯމަ ދުވަހުގެ ޕްރޮޖެކްޓް ސައިޓް މޮބަލައިޒްކޮށްފައިވާއިރު، މި މަޝްރޫއުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެއެވެ.

މިއީ އޯރކިޑް ހޯލްޑިންގގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

އެމްޓީސީސީން ދިން މައުލޫމާތަށް ބަލާއިރު، މި މަޝްރޫއުގެ ދަށުން އެރަށުގެ 557 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެއެެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ އެމްޓީސީސީއަކީ ޓޫރިޒަމް ދާއިރާއާއި ގުޅުންހުރި އުމްރާނީ ތަރައްގީގެ މަޝްރޫއުތައްވެސް ހިންގާ ކުންފުންޏެކެވެ. މިގޮތުން މިދިޔަ އަހަރު އެ ކުންފުނިން ނިންމާ ހަވާލުކޮށްފައިވާ "ސެންޓާރާ ނިއު ރިސޯޓްސް މޯލްޑިވްސް: ރެކްލެމޭޝަން އޮފް 3 ޑިފަރެންޓް އައިލެންޑްސް" އަކީ މިފަދަ ފާހަގަކޮށްލެވޭ އެއް މަޝްރޫއެވެ.

މި މަޝްރޫޢުގެ ދަށުން މި ކުންފުނިން ވައްޓަރުފަޅު ފަރުގައި އޮންނަ ތިން އަރޓިފިޝަލް ރަށެއްގެ ބިން ހިއްކާއި ގޮނޑުދޮށް ހިމާޔަތްކުރިއެވެ.

ވޭތުވެދިޔަ ތިން އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ނިންމާފައެވެ.