ފުރަތަމަ ޖައްވީ މިޝަން އާއިއެކު ކުޑަކުޑަ ރާއްޖެވެސް ޖައްވަށް

14 ޖޫން 2022 - 15:52

އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް އާއި އެޗްޑީސީ ގުޅިގެން ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަން އަށް ދަނީ ތައްޔާރުވަމުންކަމަށް އެޗްޑީސީން ހާމަކޮއްފިއެވެ.

މި މިޝަންގެ އަމާޒަކީ ރާއްޖޭގެ ފުރަތަމަ ޕްރޮޓޮޓައިޕް ސެޓެލައިޓް ހަދާ ޓެސްޓް ކުރުމެވެ. މިއީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ މައުލޫމާތު އެއްކުރަން އަޖުމަބެލުމުގެ ގޮތުން ހަދާ ސެޓެލައިޓެކެވެ. އަދި ބައިނަލްއަގްވާމީ މުޖްތަމައެއްގައި ދިވެހިރާއްޖޭގެ ހައިބަތު އިތުރަށް އުފުލާލައި ސައިންޓިފިކް މައުލޫމާތު އެއްކުރުމަށްޓަކައި ކުރިއަށް ގެންދާ މަސައްކަތެކެވެ.

މި މަސައްކަތް ކުރުމަށްޓަކައި މި ސެޓެލައިޓް ހަދާ ޓެސްޓްކޮށް ލޯންޗްކުރުމަށް ހަވާލުވެފައި ތިބީ ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭފަދަ ގާބިލް އަދި އިލްމުވެރި ދިވެހި ޒުވާނުންނެވެ. މި މަސައްކަތް ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ރާއްޖެ އަކީ ކުޑަ ގައުމެއްކަމުގައިވީ ނަމަވެސް ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭފަދަ ބޮޑެތި މަސައްކަތް ކުރެވޭނެފަދަ ގާބިލުކަންހުރި އަދި އެފަދަ މަސައްކަތްތަކާއި ކުރިމަތިލާ ބައެއްކަން ދައްކުވައިދީ ކުރިޔަށް އޮތް ޖީލުތަކަށް ހިއްވަރުދިނުމެވެ.

މިފަދަ މަސައްކަތެއް ރާއްޖޭގައި އަލަށް ކުރަމުންދާއިރު މިފަދަ މިޝަނެއްގައި ބައިވެރިވުމަކީ މި ކޯޕަރޭޝަނަށް ލިބޭ ވަރަށް ބޮޑު ފަހުރެކެވެ. މި މިޝަންއަކީ ދިވެހި ޓީމްއަކުން ކުރަމުންދާ ވަރަށް ތާރީޙީ މަސައްކަތެކެވެ. އަދި މި މިޝަންގެ ޕްރޮޓޯޓައިޕް ސެޓެލައިޓް ބިނާކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެގައެވެ. އަދި ސެޓެލައިޓް ލޯންޗްކުރެވޭނީ ބޭރުގެ ޖައްވީ އިދާރާތަކާއި ގުޅިގެންނެވެ.

ދިވެހިރާއްޖެގައި ވެސް ދުނިޔޭގެ ފެންވަރުގައި އެކި ހުނަރުތައް ދިވެހި ޒުވާނުން ދައްކަމުންދާކަން ފާހަގަކުރެވެއެވެ. އެގޮތުން،  ޓެކްނޮލޮޖީގެ ދާއިރާގައި ދުނިޔޭގެ ނަން މަޝްހޫރު ކުންފުނިތަކާއި އެއް ފެންވަރެއްގެ އެޕްލިކޭޝަންތައް ދިވެހިން ވަނީ ތަރައްގީކޮށްފައެވެ. މީގެއިތުރުން، ދިވެހި ޒުވާނުންގެ މިފަދަ އިސްނެގުންތަކުގައި މި ކޯޕަރޭޝަނުން އަބަދުވެސް މަރުހަބާ ކިޔާ މި ކޯޕަރޭޝަނުގެ ފަރާތުން ދެވެން އޮތް އެހީތެރިކަމެއް ދޭނެކަން މި ފުރުސަތުގައި ފާހަގަކުރަމެވެ. އަދި މި ޕްރޮޖެކްޓް އަކީ ވަރަށް އުއްމީދީ ޕްރޮޖެކްޓެއްގެ ގޮތުގައި ވެގެންދާނެކަން ކަށަވަރެވެ.