ފުވައްމުލަކުގެ އެތެރޭގެ މަގުހެދުމުގެ މަޝްރޫއުގެ %73 ނިމިއްޖެ -އެމްޓީސީސީ

12 ޖޫން 2022 - 16:38

ފުވައްމުލަށް އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ 72.65% މަސައްކަތް ނިމި، ފެންހިންދާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް މިހާރު ކުރެވެމުން ދާކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން ބުނެފި އެވެ.

ޖުމުލަ 331.05 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ ޖުލައި 4، 2019ގަ އެވެ. އެ މަސައްކަތް ޖުލައި 2020ގައި ފަށާފައި ވަނީ، ފުވައްމުލަކުގެ ރިންގް ރޯޑްގެ މަސައްކަތް ނިންމާލުމަށްފަހު އެވެ.

އެ މަޝްރޫއުގެ ފަހުގެ މައުލޫމާތު ދެމުން އެމްޓީސީސީން މިއަދު ބުނީ، މަޝްރޫއުގެ ދަށުން ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން 122،659 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތާއި 95،239 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުން ހިމެނެ އެވެ.

އޭގެ އިތުރުން، 27،450 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުމާއި މަގުމަތީ ނިޝާން ހަރު ކުރުމާއި މަގު ބައްތި ހަރު ކުރުމުގެ އިތުރުން 19،940 މީޓަރުގެ ސަރަހައްދެއްގައި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ހިމެެނެ އެވެ.