އިލެކްޓްރޯނިކް މުއާމަލާތްތަކާބެހޭ ބިލު ތަސްދީގްކޮށްފި

27 އެޕްރީލް 2022 - 18:08

އިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފިއެވެ.

މި ބިލަކީ، މި ހިނގާ އޭޕްރީލް މަހުގެ 11 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފައިވާ ބިލެކެވެ.

އިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ގާނޫނަކީ ވިޔަފާރީގެ މުއާމަލާތްތައް ކުރުމުގައާއި، އެނޫން ބޭނުންތަކުގައި އިލެކްޓްރޯނިކް ޒަރީއާ އިން މުއާމަލާތުކުރުމާއި، ޓްރަސްޓްގެ ހިދުމަތްތަކުގެ ބޭނުންކުރުން ކުރިއަރުވައި ތަރައްގީކުރުމަށްޓަކައި، އިލެކްޓްރޯނިކް މުއާމަލާތުގެ ސައްހަކަން ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުކޮށް، އިލެކްޓްރޯނިކް ޒަރިއާއިން މުއާމަލާތުކުރުމުގައި އަމަލުކުރާނެ އުސޫލުތަކާއި ޓްރަސްޓްގެ ހިިދުމަތްތަކުގެ ބޭނުންކުރުމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

މި ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި އިލެކްޓްރޯނިކް ސޮއި އަދި ޓްރަސްޓްގެ ހިދުމަތްތައް ހިމެނޭގޮތަށް، ދިވެހިރާއްޖޭގައި އަދި ދިވެހިރާއްޖެއިން ބޭރުގައި ކުރެވޭ އިލެކްޓްރޯނިކް މުއާމަލާތްތަކަށް ގާނޫނީ ހައިސިއްޔަތު ދިނުމާއި، އިލެކްޓްރޯނިކް މުއާމަލާތްތަކުގެ ސައްހަކަން ގާނޫނީގޮތުން ކަށަވަރުކޮށްދިމާއި، އިލެކްޓްރޯނިކް މުއާމަލާތްތައް ހިންގުމަށް މަގުފަހިކޮށްދިނުމާއި، އެކަންކަމަށް ގާނޫނީގޮތުން ހުރި ހުރަސްތައް ނައްތާލުން އަދި އިތުބާރު ހިފޭ ޓްރަސްޓްގެ ހިދުމަތްތައް މެދުވެރިކޮށް އިލެކްޓްރޯނިކް ޒަރިއާއިން މުއާމަލާތުކުރުން ކުރިއަރުވައި، އެފަދަ މުއާމަލާތުކުރުމުގައި އާންމުންގެ އިތުބާރު ގާއިމުކުރުން ހިމެނެއެވެ

ރައީސުލްޖުމްހޫރިއްޔާ މި ގާނޫނު ތަސްދީގު ކުރެއްވުމާއި ގުޅިގެން މިއަދު ވަނީ މި ގާނޫނު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް ގާނޫނަށް އަމަލުކުރަން ފަށާފައެވެ. މި ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 10 މަސްދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަންވާނެކަމަށް ވެސް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.