މިނިސްޓަރ ޝައުނާ އިންޑިޔާގެ އައިސީޓީ ،އެންވަޔަރަމަންޓް އަދި ޕަވަރ މިނިސްޓަރާއި ބައްދަލުކުރައްވައިފި
27 އެޕްރީލް 2022 - 17:30
އިންޑިޔާ ސަރުކާރާއި އޮބްޒާވާ ރިސާރޗް ފައުންޑޭޝަންގެ ފަރާތުން މިމަހުގެ 25 ން 27 އަށް އިންތިޒާމްކުރި "ސެވަންތް އެޑިޝަން ރައިސީނާ ޑައިލޮގް" ގައި ބައިވެރިވެވަޑައިގަތުމަށްފަހު، މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެންޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ މާލެ ވަޑައިގެންފިއެވެ.
ރައިސީނާ ޑައިލޮގްގެ އެކި ޕެނަލްތަކުގައި މިނިސްޓަރ ޝައުނާ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އިންޑިޔާގެ "ނިއު ފިއުލްސް، އޯލްޑް އެސްޕިރޭޝަންސް: މޫވިންގް ދަ ނެކްސްޓް ފައިވް ބިލިއަން"ގެ ޕެނެލް ޑިސްކަޝަނާއި "ފްރޮމް މައުންޓެން ޓު އޯޝަން: ހާރނެސިންގް ކޮމާރސް، ކަނެކްޓިވިޓީ އެންޑް ކްރިއޭޓިވިޓީ"ގެ ޕެނަލް ޑިސްކަޝަންއެވެ.
މީގެ އިތުރުން މިނިސްޓަރ ޝައުނާގެ މި ދަތުރުފުޅުގައި އިންޑިޔާ ސަރުކާރުގެ އިސްފަރާތްތަކާއި ވަނީ ބައްދަލުކުރައްވާފައެވެ. އެގޮތުން މިނިސްޓަރ އޮފް ރެއިލްވޭސް ކޮމިއުނިކޭޝަންސް އިލެކްޓްރޯނިކްސް އެންޑް އިންފޮރމޭޝަން އަޝްވިނީ ވައިޝްނަވާއި އާއި ބައްދަލުކުރައްވައި އިންޑިއާ އާއި ދިވެހިރާއްޖެއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް ދިވެހިރާއްޖޭގެ ޑިޖިޓަލް އައިޑީ އުފައްދަމުންދާއިރު އިންޑިއާގެ ޑިޖިޓަލް ސިސްޓަމެއް ގާއިމްވެފައިއޮތް ގޮތާ ގުޅޭ ގޮތުން މައުލޫމާތު ބަދަލުކުރުމާއި މި މަސައްކަތައް ބޭނުންވާ ޓެކްނިކަލް ސަޕޯޓް ފޯރުކޮށްދިނުމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
އިންޑިއާގެ މިނިސްޓަރ އޮފް އެންވަޔަރަމެންޓް، ފޮރެސްޓް އެންޑް ކްލައިމެޓް ޗޭންޖް ބުޕެންޑަރ ޔާދަވް އާއި ބައްދަލުކުރައްވައި " ކޮޕް 26 " އަށްފަހު އައި ކުރިއެރުމާއި " ކޮޕް 27 " އާއި ހަމައަށް ވާސިލުވާއިރު އެޑެޕްޓޭޝަނަށް ސަމާލުކަންދީގެން އިތުރަށް މަސައްކަތް ކުރުމާއި ގުޅޭގޮތުން ދެ ވަޒީރުންގެ ދެމެދުގައި ވަނީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.
މިނިސްޓަރ އޮފް ޕަވަރ އެންޑް ނިއު އެންޑް ރިނިވަބަލް އެނާރޖީ ޝްރީ ރާޖް ކުމާރު ސިންގްއާއި މިނިސްޓަރ ޝައުނާ ބައްދަލުކުރައްވައި، އިއާދަކުރަނިވި ހަކަތާއި ގުޅޭ ގޮތުން ވަނީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ދިވެހިރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުން ކުރެވޭ މިންވަރު އިތުރުކުރުމަށް އިންޑިއާއިން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އިންޑިޔާ އިން ކުރިއަށް ގެންދިއުމަށް މަސައްކަތްކުރާ ގްރީން ގްރިޑްގެ މަޝްރޫޢުގައި ދިވެހިރާއްޖެ ހިމެނުމުގެ ޝައުގުވެރިކަން މިނިސްޓަރ ރާޖްކުމާރު ވަނީ ފާޅުކޮށްފައެވެ.
މިނިސްޓަރ ޝައުނާގެ މި ދަތުރުފުޅުގައި އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނަށް ޒިޔާރަތްކުރައްވައި ހައި ކޮމިޝަނަރ އޮފް މޯލްޑިވްސް ޑރ. ހުސެން ނިޔާޒާއި އަދި ހައިކޮމިޝަންގެ މުވައްޒަފުންނާ ވަނީ ބައްދަލުކުރައްވާފައެވެ.
މީގެ އިތުރުން ވޯރލްޑް ބޭންކް ސްޕްރިންގ މީޓިން 2022 ގެ އިސްވެރިންގެ ރައުންޑް ޓޭބަލް ވެބިނާރ ކަމަށްވާ " އިންވެސްޓިން އިން ހިއުމަން ކެޕިޓަލް ސިސްޓަމްސް އިން ސައުތް އޭޝިޔާ: ދަ ކީ ޓު ސަސްޓެއިނަބަލް، އިންކްލޫސިވް އެންޑް ރެސިލިއަންޓް ގްރޯތް ގައި މިނިސްޓަރ ޝައުނާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ދަތުރުފުޅުގައި މިނިސްޓަރ ޝައުނާ ވަނީ އިންޑިޔާގެ ފޮރިން ސެކެޓްރީ ދެއްވި ރޭގަނޑުގެ ޚާއްސަ ފަރީކޮޅެއްގައި ބައިވެރިވެވަޑައިގެންފައެވެ.