ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

6 އެޕްރީލް 2022 - 14:32

ބަންގްލަދޭޝް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ރިއަރ އެޑްމިރަލް އެސް އެމް އަބުލް ކަލާމް އަޒަދް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުޙައްމަދު ސޯލިހަށް އަރުވައިފިއެވެ. ފަތްކޮޅު އެރުވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ބަންގްލަދޭޝްގެ އައު ސަފީރަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ފާއިތުވި އަހަރުތަކުގައި ބަންގްލަދޭޝްއިން ރާއްޖޭގެ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް ވެދީފައިވާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާ ބަންގްލަދޭޝްގެ އައު ސަފީރު ވަނީ ދާދިފަހުން ދެ ޤައުމުގެ ދެމެދު ކުރެވުނު މަތީ ފަންތީގެ ދަތުރުފުޅުތަކުގައި ބަދަލުކުރެވުނު އެއްބަސްވުންތައް ތަންފީޒުކޮށް ދެޤައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން ދެ ބޭފުޅުން ވަނީ ކޯވިޑް-19ގެ ވެކްސިންދިނުމުގެ ކަންކަމާއި މީހުން ބިނާކުރުމާއި ޞިއްޙީ ދާއިރާ ތަރައްޤީކުރުމާއި އަދި ތަޢުލީމީ ދާއިރާއާއި ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ އެއްބާލުންފަދަ ދެ ޤައުމުން އިސްކަންދޭ ކަންކަމުގައި މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި ބަންގްލަދޭޝް މަސައްކަތްތެރިންގެ ބޮޑު އާބާދީއެއް އޮތްކަން ފާހަގަކުރައްވައި ރާއްޖޭގެ އިޤްތިޞާދީ މަސައްކަތްތަކުގައި ޙިއްޞާވާ ރާއްޖޭގައި މަސައްކަތްކުރާ އެންމެހާ ބިދޭސީ މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ސަރުކާރުން ކަށަވަރު ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންނަށް، ކޯވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި އެއްވެސް ތަފާތުކުރުކުރުމެއް ނެތި ވެކްސިން ލިބޭނެ މަގުފަހިކޮށްދެއްވައި، ވެދެއްވާފައިވާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖެއިން ބަންގްލަދޭޝްގެ ރައްޔިތުންނަށް އެސްޓްރާޒެނެކާ ވެކްސިންގެ އެހީތެރިކަން ފޯރުކޮށްދީފައިވާތީ އެކަމަށްޓަކައި ސަފީރު ދިވެހި ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އަދި ސަފީރު ވަނީ ދެ ޤައުމުގެ ޒަމާންވީ ދޭދޭ ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ.