ރައީސުލްޖުމްހޫރިއްޔާ، “ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޜަން ބްރޯޑްކާސްޓިންގ ނެޓްވަރކް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް” އިފްތިތާހްކޮށްދެއްވައިފި
29 މާޗް 2022 - 17:19
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް، "ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޜަން ބްރޯޑްކާސްޓިންގ ނެޓްވަރކް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" އިފްތިތާޙްކޮށްދެއްވައިފިއެވެ. އެމަނިކުފާނު މި މަޝްރޫޢު އިފްތިތާހްކޮށްދެއްވާފައި ވަނީ މިކަމަށްޓަކައި މިއަދު ހަވީރު ޕީއެސްއެމްގެ ޓެލެވިޜަން މޯލްޑިވްސް ބިލްޑިންގގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޜަން ބްރޯޑްކާސްޓިންގ ނެޓްވަރކް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަކީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި ކުރިޔަށް ގެންދާ މަޝްރޫއެކެވެ. މި އަހަރުގެ ފެބްރުއަރީ މަހުގައި އަމަލީ މަސައްކަތް ފެށުނު މި މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދެވޭނީ ރާއްޖޭގައި ޑިޓިޓަލް ޓީވީ ނެޓްވަރކެއް ޤާއިމްކުރުމުގެ މަސައްކަތެވެ. މިގޮތުން، 2024 ވަނަ އަހަރުގެ ތެރޭގައި ނިންމުމަށް މަސައްކަތްކުރަމުންދާ މި މަޝްރޫއު ނިމޭ އިރު ހައި ޑެފިނިޝަން ކޮލިޓީގައި ލޯކަލް 8 ޗެނަލް މުޅިން ހިލޭ ރާއްޖޭގެ އާބާދީގެ 90 އިންސައްތަ ސަރަޙައްދަށް ފޯރުކޮށްދެވޭނެއެވެ.
ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޜަން ބްރޯޑްކާސްޓިންގ ނެޓްވަރކަކީ ވަރަށް ގިނަ، ތަފާތު ހިދުމަތްތަކެއް ފޯރުކޮށްދޭ ވިއުގައެކެވެ. މީގެ އެންމެ މުހިންމު ކަމަކީ މި ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ޤުދުރަތީ ކާރިސާއެއް ދިމާވާ ހާލަތެއްގައި ދުރާލާ އިންޒާރުދޭ ނިޒާމެއް ޤާއިމްކުރެވިފައިވާކަމެވެ.
މި ރަސްމިއްޔާތުގައި ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.