ރައީސުލްޖުމްހޫރިއްޔާ، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ހުޅުއްވައި ދެއްވައިފި

28 މާޗް 2022 - 2:20

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އައްޑޫ ސިޓީގައި ޤާއިމްކުރި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ހުޅުއްވައިދެއްވައިފިއެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރު ޑރ. ސްބްރަމަންޔަމް ޖައިޝަންކަރާއި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އާއި މިނިިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު އާއި ރައްޖޭގައި ހުންނަވާ އިންޑިއާ ސަފީރާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އާއި ރައްޔިތުން މަޖިލިހުގެ ބައެއް މެމްބަރުންނާއި އައްޑޫ ސިޓީ މޭޔަރ، ފުލުހުންގެ ސީނިއަރ އޮފިސަރުން ބައިވެރިވެވަދައިގެންނެވިއެވެ

.މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުގައި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓަކީ ދިވެހި ފުލުހުންގެ ހިދުމަތް ތަރައްގީކުރުމަށް ވަރަށް މުހިންމު ތަނަކަށް ވެގެންދާނެކަން ފާހަގަކުރައްވައި، މިފަދަ ދީލަތި ބޮޑު އެހީއެއް ވެދެއްވިކަމަށްޓަކައި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުން ހިދުމަތް ދިނުމަކީ ސަރުކާރުގެ ވައުދެއްކަން ފާހަގަކުރައްވައި، ކޮންމެ ގައުމެއްގައިވެސް ފުލުހުންނަކީ މުޖުތަމައުގެ ތެރޭގައި ރައްޔިތުންނާ ލާމެހިގެން ރައްޔިތުންނަށް އަމާންކަމާއި ހަމެޖެހުމާއި ސުލްހަ މަސަލަސްކަން ހޯދައިދޭން ތިބޭބައެއްކަމުގައި ވިދާޅުވިއެވެ. އަދި ފުލުހުންގެ ހިދުމަތެއް އޮތުމުގެ ބޭނުމަކީ ރައްޔިތުންނާ އެކުގައި ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، މުޖުތަމައުގައި ހުންނަ މައްސަލަތައް ހައްލުކުރުންކަމަށާއި ފުލުހުންނަށް ހާއްސަ ތަމްރީނުތައް ދޭންޖެހެނީ އެސަބަބަށްޓަކައިކަމަށް ވިދާޅުވިއެވެ

އީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި،  ކޮލެޖު ހުޅުވިގެންމިދަނީ ފުލުހުންގެ ތަމްރީނުތަކަށް މިޒަމާނުގައި ބޭނުންވާނެ ހުރިހާ ވަސީލަތްތަކާއެކުގައިކަން ފާހަގަކުރައްވައި، ކޮލެޖުންދޭ ތަމްރީނާ  ތައުލީމުގެ ސަބަބުން ޑިމޮކްރެޓިކް އުސޫލުތަކަށް ފުލުހުންގެ ލޯ ހުޅުވިގެންދާނެކަމަށާއި ޒަމާނީ ބެސްޓް ޕްރެކްޓިސްތަކަށް ފުލުހުން އަހުލުވެރިވެގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ކޮންމެ ފުލުހަކީ ރައްޔިތުންގެ އިހުސާސްތައް ދަންނަ މަސައްްކަތަށް ގާބިލް މީހަކަށް ވެގެންދާނެކަމަށާއި ކޮމިއުނިޓީ އޮރިއެންޓެޑް ފުލުހުންގެ ހިދުމަތެއް ދެވިގެންދާނީ އެއަސާސްތަކުގެ މަތީގައި ފުލުހުން ތަމްރީނުކުރެވިގެން ކަމަށާއި އެފެދަ ހިދުމަތެއް ދެވޭނެ މިންވަރަށް ފުލުހުން  ތަމްރީނުކުރެވޭނެ ފުރިހަމަ ވަސީލަތްތައް ހުރުމަކީ މުޅި ދަޢުލަތުގެ މަސްލަހަތާ ގުޅިފައިވާ ކަމެއްކަމަށް ވިދާޅުވިއެވެ. އަދި މި ކޮލެޖަކީ ދިވެހި ރައްޔިތުން އުންމީދުކުރާ ފަދަ ހިދުމަތަކަށް މަގުކޮށައިދޭނެ ތަނަކަށް ވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ

މިރަސްމިއްޔާތުގައި ވަނީ ގުޅުން ބަދަހިކުރުމާއި މީހުން ބިނާކުރުމުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމާ ބެހޭ ފަހުމުނާމާއެއްގައި ދިވެހި ފުލުހުންގެ ހިދުމަތާއި އިންޑިއާގެ ސަރްދާރް ވައްލަބާއީ ޕަޓޭލް ނޭޝަނަލް ޕޮލިސް އެކަޑަމީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. ފުލުހުންގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ. އަދި އިންޑިއާގެ ސަރްދާރް ވައްލަބާއީ ޕަޓޭލް ނޭޝަނަލް ޕޮލިސް އެކަޑަމީގެ ފަރާތުން ސޮއިކުރެއްވީ އެ އެކަޑަމީގެ ޑައިރެކްޓަރ ސްރީ އަދުލް ކަރްވަލްއެވެ

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ހުއްޅުއްވައި ދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އާއި އިންޑިއާގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރު ޑރ. ސްބްރަމަންޔަމް ޖައިޝަންކަރާއި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އާއި މިނިިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު އާއި ރައްޖޭގައި ހުންނަވާ އިންޑިއާ ސަފީރާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އާއި އިއްޒަތްތެރިވަން ވަނީ ކޮލެޖް ބައްލަވާލައްވައި، މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ..