އަލަށް އެކުލަވައިލި ގައުމީ އިނާމާބެހޭ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

20 މާޗް 2022 - 15:06

އަލަށް އެކުލަވައިލި ގައުމީ އިނާމާބެހޭ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ބައްދަލުކުރައްވައިފިއެވެ

މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި، މީގެކުރިން އޮތް ކޮމިޓީގައި ހިމެނިވަޑައިގެންނެވި ބޭފުޅުން ކޮށްދެއްވި މަސައްކަތްތައް ފާހަގަކުރައްވައި، އެބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިނާމު ކޮމިޓީއަށް އަލަށް ހަމަޖެއްސެވި ބޭފުޅުން ހަމަޖެއްސެވުމުގައި، އެކި ރޮނގުތަކުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުންނަށް އިސްކަންދެއްވި ކަމުގައި ވިދާޅުވިއެވެ.

 މީގެ އިތުރުން ކޮމިޓީގެ މަސައްކަތް ކުރިއެކޭވެސް އެއްގޮތަށް ވީހާވެސް ހަމަހަމަކަމާއެކު ކުރިއަށް ގެންގޮސް ދެއްވުމަށް ރައީސް ސޯލިހު އެދިވަޑައިގެންނެވިއެވެ. ހަމައެއާއެކު، އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަކީ މުޖުތަމައަށް ނަމޫނާ ބޭފުޅުންނަށް ވާންޖެހޭނެތީ، މިކަމަށް އިސްކަން ދެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ކޮމިޓީގެ ޗެއަރޕަރސަން އަނީސާ އަހްމަދު ދެއްކެވި ވާހަކަފުޅުގައި، ކޮމިޓީގެ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހައްމިއްޔަތު ފާހަގަކުރައްވާ އެމަނިކުފާނަށް ޝުކުރު އަދާކުރެއްވިއެވެ.