ޔޫއެސް އެއިޑްގެ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް މޯލްޑިވްސް އިފްތިތާހް ކޮށްފި

15 މާޗް 2022 - 19:25

ޔޫއެސް އެއިޑްގެ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް މޯލްޑިވްސް އިފްތިތާހް ކޮށްފިއެވެ. މި ރަސްމިއްޔާތު އިފްތިތާހްކޮށް ދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަމެންޓް ކްލައިމެންޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވީ ދިވެހިރާއްޖެފަދަ ކުދި ޖަޒީރާތަކެއްގެ މައްޗަށް އެކުލެވޭ ޤައުމުތަކަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން އެންމެ ފުރަތަމައަށް އަދި އެންމެ ބޮޑަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ގައުމުތައްކަމަށެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ މި ޕްރޮޖެކްޓަކީ ޒުވާނުންގެ ކިބައިގައި ހުރި ހުނަރާއި ގާބިލިއްޔަތުކަން އަދި އުފެއްދުންތެރިކަމުގެ އިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަށް މަދުކުރުމަށް ފަހި ވިސްނުމާއި އިތުރު ހިޔާލުތައް ހިއްސާކުރުމަށް ލިބިގެންދާ އިތުރު ފުރުސަތަކަށް ވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ. މީގެ އިތުރުން ޔޫއެސް އެއިޑްގެ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް ދިވެހިރާއްޖޭގައި ކުރިއަށްގެންދިއުމަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ފަރާތުން ލިބޭނެކަމުގެ ޔަޤީންކަންވެސް މިނިސްޓަރ ވަނީ ދެއްވާފައިވެއެވެ.

 މި ޕްރޮޖެކްޓްގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖެ މޫސުމީ ބަދަލުތަކާއި ކުރިމަތިލާއިރު، މި ޕްރޮޖެކްޓަކީ އެކަމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް މަދުކުރުމަށް ލިބޭ އަގުހުރި، ފައިދާކުރުވަނިވި ޕްރޮޖެކްޓެއް ކަމާއިމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.