ހުޅުމާލެ ހޮސްޕިޓަލްގައި ގާއިމުކުރި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރ، ރައީސް ސޯލިހު ހުޅުވައިދެއްވައިފި

15 މާޗް 2022 - 12:34

ހުޅުމާލެ ހޮސްޕިޓަލްގައި ގާއިމުކޮށްފައިވާ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ރަސްމީގޮތުން ހުޅުވައިދެއްވައިފިއެވެ

މިއަދު ހެނދުނު ހުޅުމާލެ ހޮސްޕިޓަލުގައި، ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު ރަސްމީގޮތުން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހްމަދު ބައިވެރިވެވެވަޑައިގެންނެވިއެވެ. އަދި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ސެންޓަރު ހުޅުވައިދެއްވުމަށްފަހު ރައިސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު ބައްލަވާލައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގެންނެވިއެވެ.

ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރަކީ ނުކުޅެދުންތެރިކަން ތަހައްމަލުކުރަމުންދާ ކުދިންނާ އެކުދިންގެ އާއިލާތަކަށް ބޭނުންވާ ހިދުމަތްތައް އެއްފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމުގެ ގޮތުން ގާއިމުކޮށްފައިވާ ސެންޓަރެކެވެ. މި ސެންޓަރުގައި ހިދުމަތް ފޯރުކޮށްދެނީ އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށެވެ. އެގޮތުން ޖިސްމާނީ، ވިސްނުމުގައި އުނިކަމާއި އުނގެނުމުގެ ދަތިކަން ހުންނަ ކުދިން، ސިކުނޑިއާ ނާރުތަކުގެ ބަލިތައް ތަހައްމަލު ކުރަމުންދާ ކުދިންނާއި ވާހަކަދައްކަން ދަތިކަން ހުންނަ ކުދިންނަށް މި ސެންޓަރުގައި ފަރުވާ ފޯރުކޮށްދެއެވެ. މި ސެންޓަރުގެ ހިދުމަތް ރަސްމީގޮތުން ފެށުމުގެ ކުރިން ބައެއް ހިދުމަތްތައް ވަގުތީގޮތުން ދަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން މި ސެންޓަރުގައި 67 ކުއްޖަކު މިހާރު ރެޖިސްޓްރީވެ ހިދުމަތް ހޯދަމުންދެއެވެ

މި ސެންޓަރުގެ މަގްސަދަކީ ސެންޓަރުގެ ހިދުމަތް ހޯދާ ކުދިން، ދިރިއުޅޭ މާހައުލުގައި އަދި މުޖުތަމައުގައި އެންމެ ފުރިހަމައަށް އަމިއްލައަށް އުޅެވޭނެ ގޮތްތަކަށް މަގުފަހިކޮށްދީ މަސައްކަތްކޮށްދިނުމުވެ. އެގޮތުން އެކުދިންނަށް ބޭނުންވާ ތެރެޕީއާ ރިހެބިލިޓޭޓިވް ފަރުވާފަދަ ހިދުމަތްތައް މި ސެންޓަރުން ފޯރުކޮށްދޭނެއެވެ.

ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު ރަސްމީގޮތުން ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ދެއްކެވި ވާހަކަފުޅުގައި މި ސެންޓަރުން ލިބޭ ހިދުމަތްތަކަކީ މީގެ ކުރިން، ރާއްޖޭގައި ހޯދަން އުނދަގޫ ހިދުމަތްތަކެއްކަން ފާހަގަކުރައްވައި މި ސެންޓަރުގެ ހިދުމަތް ރަސްމީގޮތުން ފެށުމާއެކު މި ދާއިރާއިން ހިދުމަތް ހޯދާ ފަރާތްތަކަށް ވަރަށްބޮޑު ލުއިފަސޭތަކެއް ލިބިގެންދާނެކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ސެންޓަރުގެ ހިދުމަތް ފުޅާކޮށް، މުސްތަގްބަލުގައި ރާއްޖޭގެ އުތުރާއި ދެކުނުގައި މިފަދަ ސެންޓަރުތަކެއް ގާއިމުކުރެވިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ސިއްހީ ދާއިރާއިން މީހުން ތަމްރީނުކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ. ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު ރަސްމީގޮތުން ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވަނީ އެ ސެންޓަރަށް ބޭނުންވާ ބައެއް ހާއްސަ ތަކެތި ހަދިޔާ ކުރައްވާފައެވެ.