ރަޝިޔާ އިން ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން ފިޔަވަޅުތައް އަޅަމުން އަންނަކަމުގައި ރައީސް ސޯލިހު ވިދާޅުވެއްޖެ

14 މާޗް 2022 - 12:59

ރަޝިޔާ އިން ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން ފިޔަވަޅުތައް އަޅަމުން އަންނަކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެންވިދާޅުވީ ގައުމާ މުހާތަބުކުރައްވައި ދެއްވި ވީޑިޔޯ މެސެޖުގައެވެ.

ރަޝިޔާއާއި ޔޫކްރެއިނަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ގައުމުކަން ފާހަގަކުރެއްވައި އޭގެ ނުރަނގަޅު އަސަރުތަކެއް ރާއްޖޭގެ އިގްތިސާދަށް ކުރާނެ ކަމުގައި ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

ޔޫކްރޭން މައްސަލައިގައި ރާއްޖޭގެ ވިސްނުން ހުރި ގޮތް ބަޔާންކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާވެފައިވަނީ ކޮންމެ ގައުމެއްގެވެސް މިނިވަންކަމާއި ސިޔާދަތަށް ހުރުމަތްތެރިކޮށް ހިތުމުގެ މައްޗަށް ކަމަށާއި ކުޑަ ޖަޒީރާ ގައުމެއްގެ ގޮތުގައި އޮވެ، ރާއްޖެއިން ޒަމާނުއްސުރެއް ވަކާލާތުކުރަމުން އަންނަނީވެސް އެ ބިންގަލުގެ މަތީގައި ބައިނަލްއަގްވާމީ ގުޅުންތައް ދެމެހެއްޓުމަށްކަމުގައެވެ. އަދި ޔޫކްރެއިންގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާ މެދު ހަމްދަރުދީ ފާޅުކުރައްވައި ދެފަރާތުގެ މެދުގައި ހުރި ދެބަސްވުންތަކަށް ހައްލެއް ހޯދުމަށްޓަކައި، ދެ ފަރާތުންވެސް މަޝްވަރާގެ މޭޒުދޮށަށް އެނބުރި އައުމަށް، ބައިނަލްއަގްވާމީ މުޖްތަމައުން ގޮވައިލާ ގޮވައިލުން ދިވެހިރާއްޖެއިންވެސް ތަކުރާރުކުރައްވާކަމުގައި ރައީސް ސޯލިހު ވިދާޅުވިއެވެ.

ޔޫކްރޭން މައްސަލައާ ގުޅިގެން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން މި ހަނގުރާމައިގެ އަސަރުކުރާނެކަމަށް ބެލެވޭ ސަރަހައްދުތަކުގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން، މިވަގުތު ރާއްޖެ އަންނަން ބޭނުންވާ ދިވެހިން ގެނައުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ޔޫކްރޭނުން އެނބުރި އައި ދިވެހި ދަރިވަރުންނަށް އަލުން އެ ގައުމަށް ދެވޭނެ ދުވަހެއް ޔަގީން ނުވާތީ، އެދަރިވަރުންގެ ކިޔެވުން ފުރިހަމަ ކުރެވޭނެ ގޮތެއް ހޯދައިދިނުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ގުޅިގެން މިހާރު މަސައްކަތްކުރަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ މިހަނގުރާމަ ދިގުދެމިގެން ގޮސް، އެންމެ ގޯސް ހާލަތަކަށް ކަންތައް ހިނގައްޖެނަމަ، ރާއްޖޭގެ އިގްތިސާދަށް ލިބިދާނެ ކަމަށް ބެލެވޭ ގެއްލުންތަކުގެ އަންދާޒާއެއް ތައްޔާރުކޮށް، މިނިސްޓްރީ އޮފް ފިނޭންސްއިން މިހާރު ފިޔަވަޅުތައް އަޅަމުންގެންދަވާކަމަށާއި މި ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އަންނާނެކަމަށް ލަފާކުރެވޭ ބަދަލުތައް ދިރާސާކޮށް، ފަތުރުވެރިކަމަށް އިތުރު މާރކެޓްތައް ހޯދުމުގެ މަސައްކަތް، މިނިސްޓްރީ އޮފް ޓޫރިޒަމާއި، މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) އިން މިހާރު ކުރަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވީޑިޔޯ މެސެޖު ނިންމަވާލެއްވީ ދާދިފަހުން އެމަނިކުފާނު ކުރެއްވި ތައިރޮއިޑް އޮޕަރޭޝަނަށްފަހު އެމަނިކުފާނުގެ ހާލުކޮޅު މިހާރު ރަނގަޅުކަން ފާހަގަކުރައްވައި އެމަނިކުފާނަށް ހެޔޮދުޢާކޮށްދެއްވި ހުރިހާ ފަރާތްތަތަކަށް އެމަނިކުފާނާއި އާއިލާގެ ފަރާތުން ޝުކުރު އަދާކުރައްވަމުންނެވެ.