ރާއްޖޭގެ ގައުމީ މަލަށް ނިސްބަތްކޮށް މަސްމަހާމެހީގެ ލިސްޓުގައި މަހެއް ހިމެނިއްޖެ

9 މާޗް 2022 - 9:22

ފިޝަރީޒް މިނިސްޓްރީން ބުނީ އަލަށް ނަންދެވެނު މި މަހަކީ ލެބްރިޑައި (LABRIDAE) ނުވަތަ ހިކާ (Wrasse) އާއިލާއަށް ނިސްބަތްވާ ކިރިލެބްރަސް  (Cirrhilabrus)  ބާވަތުގައި ނުވަތަ ޖީނަސްގައި ހިމެނޭ މަހެއް ކަމަށެވެ. މި މަހަށް ސައިންޓިފިކް ނަން ދެވިފައިވަނީ ރާއްޖޭގެ ގައުމީ މަލަށް ނިސްބަތްކޮށް ކިރިލެބްރަސް ފިނިފެންމާ (Cirrhilabrus finifenmaa)، މިހެން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މަހުގެ އާންމު  ނަމަކަށް އިނގިރޭސި ބަހުން ކިޔުމަށް ކަނޑައެޅިފައިވަނީ ރޯސް ވެއިލްޑް ފެއާރީ ރާސް (Rose-veiled fairy wrasse) ކަމަށާއި، މިގޮތަށް ނަން ދެވިފައިވަނީ މި މަހުގައި ހުންނަ، ފާހަގަ ކުރެވޭ ފިޔާތޮށި ކުލަވަރަށް ނިސްބަތް ކޮށް ކަމަށެވެ. މިހާތަނަށް އެނގިފައިވާ ގޮތުން މި މަހަކީ ރާއްޖެ އާއި ސްރީލަންކާ ސަރަހައްދުގައި ފަރުތަކުގެ ފުން ހިސާބުތަކުން (40-70 މީޓަރު) ފެންނަ މަހެއްކަން ފާހަގަ ކުރެވޭ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މުޅިން އަލަށް ނަން ދެވުނު ކަމުގައި ވީނަމަވެސް މިމަހަކީ ދިރޭ ކުދިމަސް އެކްސްޕޯޓް ވިޔަފާރީގައި މިހާރުވެސް ބޭނުންކުރަމުންދާ މަހެއް ކަމަށާއި، މި މަހަށް މީގެ ކުރިން ބޭނުންކޮށްފައިވަނީ ޗާގޯސް ސަރަހައްދުން ފެންނަ މަހެއްކަމަށްވާ ކަމަށްވާ (Cirrhilabrus rubrisquamis) މަހުގެ ނަމުން ކަމަށެވެ. ނަމަވެސް ކެލިފޯނިއާ އެކަޑެމީ އޮފް ސައިންސަސް ގެ "ހޯޕް ފޮރ ރީފްސް އިނިޝިއަޓިވް" ގެ ދަށުން އެ އެކަޑެމީ އާއި، ޔުނިވަރސިޓީ އޮފް ސިޑްނީއާއި، އޮސްޓްރޭލިއަން މިއުޒިއަމް ރިސާރޗް އިންސްޓިޓިއުޓާއި، ފީލްޑް މިއުޒިއަމް އޮފް ނެޗުރަލް ހިސްޓޮރީއާއި އަދި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް ގުޅިގެން ވަރަށް ފަހުން ކުރެވުނު ދިރާސާ ތަކުގެ އަލީގައި މި މަހަކީ ޗާގޯސް ސަރަހައްދުން ފެންނަ މަހާ މުޅިން ތަފާތު މަހެއްކަން ވަނީ ޔަގީން ކުރެވިފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ދިރޭތަކެތީގެ ނަސްލާއި އަދި މުޅިން އަލަށް ފެންނަ ދިރޭތަކެތީގެ ދިރާސާތައް ޝާއިއުކުރާ ސައިންޓިފިކް ޖާނަލްއެއް ކަމަށްވާ ޒޫކީސް (Zookeys) ގައި ކްރްހިލަބްރަސް ފިނިފެންމާ އަކީ މުޅިން އައު މަހުގެ ބާވަތެއްކަން ދެނެގަނެވުނު ދިރާސާ މިހާރު ޝާއިއުކޮށްފައިވާ ކަމަށެވެ. މި މަހުގެ ސައިންޓިފިކް ނަން ކަނޑައެޅުމާއިއެކު، ދިވެހި ބަސްބަހާ  ގުޅުވައިގެން ސައިންޓިފިކް ނަން ދެވިފައިވާ މަދު މަސްމަހާމެހީގެ ލިސްޓުގައި ކިރިލެބްރަސް ފިނިފެންމާ ވެސް މިހާރު މިހިމެނުނީ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

މިމަހުގެ އިތުރުން، ރާއްޖޭގެ ފުން ފަރުތަކުގައި (50-150 މީޓަރާއި ދެމެދު) އެކުލެވޭ ދިރުންތައް ދެނެގަތުމަށްޓަކައި "ހޯޕް ފޯރ ރީފްސް އިނީޝިއެޓިވް" ގެ ދަށުން ކެލިފޯނިއާ އެކެޑެމީ އޮފް ސައިންސަސް އާއި ގުޅިގެން އެމް.އެމް.އާރ.އައި އިން މި އަހަރު ކުރެވިފައިވާ މަސައްކަތްތަކުން، ދުނިޔޭގައިވެސް މުޅިން އަލަށް ފެނިފައިވާކަމަށް ބެލެވޭ 8 ބާވަތެއްގެ މަހުގެ ސާމްޕަލް ނެގިފައިވެއެވެ. މި މަސްތަކާއި، މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ސަރަހައްދުން ހޯދޭ އައު އެހެން މަސްމަހަށްވެސް ނަން ކަނޑައެޅުމުގައި، އެމަހެއް ތަމްސީލުކުރާފަދަ ދިވެހި ބަހެއް ހިމަނައިގެން ނަން ކަނޑައެޅުމަށް ވަނީ ރޭވިފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.