ހީވާގި، ހުނަރުވެރި އަންހެނުންނަށް ފުރުސަތުތައް ފަހިކުރުމަށްޓަކައި ސިވިލް ސާރވިސްގެ އޮނިގަނޑަށް ބަދަލުގެންނަންޖެހޭ: ޝައުނާ

9 މާޗް 2022 - 4:41

ހީވާގި، ހުނަރުވެރި އަންހެނުންނަށް ފުރުސަތުތައް ފަހިކުރުމަށްޓަކައި ސިވިލް ސާރވިސްގެ އޮނިގަނޑަށް ބަދަލުގެނެސް، ނަތީޖާއަށް ބަލާފައި ކުރިއެރުން ދިނުމުގެ ސިޔާސަތެއް ގާއިމްކުރަން ޖެހޭ މިނިސްޓަރ އޮފް އެންވަޔަރަމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ޔޫންއެން މޯލްޑިވްސް އާއި އެޗްޑީސީ އަދި އަމިއްލަ ޖަމްޢީޔާތަށް ގުޅިގެން "މިއަދު މާދަމާ" ގެ ނަމުގައި ހުޅުމާލެ ބީޗް (ބީޗް ކްލަބް- ރާޅުގަނޑު1) ގައި އަންހެނުންގެ ދުވަސް ފާހަނގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިނިސްޓްރީ އާއި ގުޅިފައި ހުރި ހުރިހާ ޕްރޮޖެކްޓެއްގެ ފަންނީ މަސައްކަތް ކުރަނީ އަންހެން މުވައްޒިފުން ކަމަށާއި، އެހެން ނަމަވެސް މިއިން އެއްވެސް ޕްރޮޖެކްޓެއްގައި ސިވިލް ސާރވިސްގެ އެންމެ މަތީ ފަންތީގައި މަސައްކަތް ކުރާ އެއްވެސް އަންހެން މުވައްޒިފެއް ނެތް ކަމަށެވެ. އިތުރަށް ވިދާޅުވީ އަންހެނުންގެ ދުވަސް ފާހަނގަކުރަމުން އަންނައިރު، ވާހަކަދައްކަންޖެހޭ ހަގީގީ މައްސަލައަކީ މިއީ ކަމަށާއި، މި ކަމަށް ހައްލެއް ގެންނަންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން މިނިސްޓްރީގައި އެބަތިއްބެވި އިންޖިނިއަރުން ، ސައިންޓިސްޓުން އެބަތިއްބެވި ، ރާއްޖޭގެ ޓެކްސް ސެކްޓާރގައި އެންމެ ފުންނާބު އުސްކޮށް ޓްރެއިންވެ ސްކިލްސް ލިބިފައި ތިބި މުވައްޒިފުން، އެހެން ނަމަވެސް އެބޭފުޅުންނެއް ނުފެނޭ ޑިރެކްޓަރ ޖެނެރަލް އަދި  ޑައިރެކްޓަރ ލެވެލް ފެންވަރުގައެއްވެސް " މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ސިވިލް ސާރވިސްގެ މި އޮނިގަނޑު އެތައް ގުނައަކުން އިސްލާހުކުރަންޖެހޭ ކަމަށް އިޝާރާތް ކުރައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މަސައްކަތް ކުރާ މިންވަރާއި އައުޓް ޕުޓް ނެރޭ މިންވަރާއި، ރިޒަލްޓް އޮރިއެންޓެޑް މަސައްކަތެއްގެ ގޮތުގައި އެ މަސައްކަތްތައް ބައްޓަންވެގެން ނޫނީ، އަންހެން މުވައްޒިފުންނަށް މަތީ ފަންތީގައި މަސައްކަތް ކުރުމުގެ ފުރުސަތު މިއިން ޒަމާނެއްގައިވެސް ނުލިބޭނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަނގަ ކުރާއިރު، އެންމެ އިސްކަމެއް ދެއްވާ ވިދާޅުވާން ބޭނުންފުޅުވާ ވާހަކައަކީ ރައްޔިތުންގެ މަޖިލީހާއި ، އަދި އާއްމު ރައްޔިތުންނާއި ސިވިލް ސާރވިސް އާއި އެކީގައި މިއަދު ދައްކަންޖެހޭ މުހިއްމު ވާހަކައަކީ މިއީ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި މިއީ އަވަސް ހައްލެއް ގެންނަންޖެހޭ ކަމެއް ކަމަށެވެ.