ތުޅާދޫ ސްކޫލް ގަރލްގައިޑް އަދި ސްކައުޓް ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ނިންމުގެ ރަސްމިއްޔާތު ބާއްވައިފި

6 މާޗް 2022 - 16:07

ބ. ތުޅާދޫ ޕޮލިސް ޑެސްކާއި އެ ރަށު ސްކޫލް ގުޅިގެން، އެ ސްކޫލްގެ ގަރލްގައިޑް އަދި ސްކައުޓް ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ނިންމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މާރިޗު 5 ވަނަ ދުވަހު ބޭއްވި އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނޯތު ޕޮލިސް ރީޖަން ކޮމާންޑަރ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީއެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މޫސާ އަލީ ދެއްކެވި ވާހަކަފުޅުގައި، ފަތަން ދަސްކޮށްދިނުމުގެ އެ ޕްރޮގްރާމްގެ ތެރެއިން ދަރިވަރުންނަށް ލިބުނު މައުލޫމާތާއި ދަސްވިކަންކަން އަމަލީ މައިދާނުގައިވެސް ބޭނުންކުރުމަށް ނަސޭހަތްތެރިވެލެއްވިއެވެ. އަދި ހާދިސާއެއް ދިމާވެއްޖެ ހާލަތުގައި އެެހެންމީހުންނަށް އެހީތެރިވެދިނުމަށްވެސް ނަސޭހަތްތެރިވެލެއްވިއެވެ.

އޭގެ އިތުރުން، ކުދިން މޫދަށް ގެންދިއުމުގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ބަަލައި މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ބެލެނިވެރިންނަށް އިލްތިމާސްކުރެއްވިއެވެ.

2021 ޑިސެމްބަރ 27 އިން ޖަނަވަރީ 20 އަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި އެ ސްކޫލްގެ ގަރލް ގައިޑް އަދި ސްކައުޓް ދަރިވަރުން ހިމެނޭހެން 29 ދަރިވަރުން ބައިވެރިވެ ފަތަން ދަސްކޮށްފައިވެއެވެ.

އެ ޕްރޮގްރާމްގައި ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ އިތުުރުން މޫދުގައި އުޅޭއިރު ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ދީފައިވެއެވެ.