ސާޖަރީއަށްފަހު، ރައީސް ހޮސްޕިޓަލުން ދޫކޮށްލައިފި

1 މާޗް 2022 - 15:04

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތައިރޮޑްގެ އޮޕަރޭޝަނަށްފަހު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

ހޮސްޕިޓަލުން ދޫކޮށްލާފައިވުމާއި ގުޅޭ ގޮތުން، އެ މަނިކުފާނު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ހާލު ރަނގަޅު ކަމަށާއި، ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.

ތައިރޮޑްގެ ސާޖަރީކުރަން ޑޮކްޓަރުން އިރުޝާދު ދެއްވުމާއި ގުޅިގެން، މިދިޔަ ހަފްތާގައި ސިންގަޕޫރުގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށް، ސާޖަރީކޮށްފައިވަނީ ހުކުރުދުވަހުގެ ފަތިސްވަގުތުއެވެ.

 ސާޖަރީ ކުރިއަށްދިޔަ ވަގުތު ތިން ގަޑިއިރާއި 30 މިނިޓް ވަންދެން ވެރިކަމުގެ ބާރުތައް ނައިބް ރައީސް ފައިސަލް ނަސީމް އާއި ހަވާލުކުރެއްވުމަށްފަހު، ރައީސް ސޯލިހު ވަނީ އަލުން މަގާމާއި ހަވާލުވެވަޑައިގެންފައެވެ.