އަވިން ހަކަތަ އުފެއްދުމުގެ އެންމެ ބޮޑު ޕްރޮޖެކްޓްގެ މަސައްކަތް ޖުލައިމަހު ފަށަނީ

6 މާޗް 2021 - 13:08

ރާއްޖޭގައި މިހާތަނަށް ޤާއިމްކުރާ އަވިން ހަކަތަ އުފައްދާ އެންމެ ބޮޑު ނިޒާމުގެ މަސައްކަތް ޖުލައިމަހު ފަށާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ހުޅުލެ-ހުޅުމާލެ ސޯލާ ޕީވީ ނިޒާމުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާއިރު، މި ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް މިހާރު ވަނީ ބޭރުގެ ކުންފުންޏަކާއެކު އެއްބަސްވުމަކަށް އައިސްފައެވެ.

މިޕްރޮޖެކްޓްގެ ސަރވޭގެ މަސައްކަތް ނިންމައި މިއަހަރުގެ ޖުލައިމަހު ޢަމަލީ މަސައްކަތްތައް ފަށާނެއެވެ. މި ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ނިންމައި، މިއަހަރުގެ ފަހުކޮޅު ޚިދުމަތް ފެށޭނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ލަފާކުރައްވައެވެ.

ސޯލަރ ޕީވީ ޖެހުމުގެ އަމަލީ މަސައްކަތްކުރުމަށް ތައްޔާރުވުމުގެ ގޮތުން ހަދަންޖެހޭ ޖިއޯޓެކްނިކަލް ސާރވޭގެ މަސައްކަތްތާއި، ތިމާވެށީގެ އެސެސްމަންޓް ހެދުމުގެ މަސައްކަތްތައް އެ ކުންފުނިން މިހާރުވަނީ ލިންކް ރޯޑް ސައިޓުގައި ފަށާފައެވެ. އަދި ޕްރޮޖެކްޓްގެ ޑީޓެއިލް ކުރެހުންތައް ތައްޔާރުކުރުމުގެ މަސައްކަތްތައްވެސް މިހާރުދަނީ ކުރިއަށްގެންދަމުންނެވެ. މި ޕެނަލްތައް ޖަހަނީ ހުޅުލެ-ހުޅުމާލެ ލިންކް ރޯޑްގެ ޕޭމަންޓް ލޭންގެ މަތިން، ޕޭމަންޓް ބޭނުންކުރަން އުނދަގޫ ނުވާނެ ގޮތަށެވެ.

ހުޅުލެ އަދި ހުޅުމާލޭ ގުޅޭ ލިންކް ރޯޑުގައި ހަދާ ސޯލާ ޕީވީ ނިޒާމުން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކުމަށް ހަމަޖެހިފައިވާ ރޭޓަކީ، ކަރަންޓް ޔުނިޓަކަށް 10.09 ޔޫއެސް ސެންޓެވެ. އެސްޕަޔަރ ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭގައި މީގެކުރިން ވަނީ 1.5މެގަވޮޓްގެ ސޯލާ ހަރުކޮށް ބޭނުންކުރަން ފަށާފައެވެ. މި ޕްރޮޖެކްޓްގައި އުފައްދާ ހަކަތަ ސްޓެލްކޯއަށް ވިއްކަމުންދަނީ 21 ޔޫއެސް ސެންޓަށެވެ. އެހެންކަމުން އަލަށް ފަށާ ޕްރޮޖެކްޓްގައި އަވިން އުފައްދާ ހަކަތައިގެ ޔުނިޓެއް ސްޓެލްކޯއަށް ގަންނަން ލިބޭނީ، ކުރީ ޕްރޮޖެކްޓަށްވުރެ ދެބައިކުޅަ އެއްބައި އަގު ހެޔޮ ރޭޓެއްގައެވެ.

މި ފިޔަވަހީގެ 5 މެގަވޮޓްގެ ސޯލާއިން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓް ޔުނިޓުން، ދައުލަތުން ކަރަންޓް އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 މިލިއަނާއި 20 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް އަހަރަކު ސަލާމަތްކުރެވޭނކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ލަފާކުރައްވައެވެ.