“ގެވެށި ގުޅުން” ކެންޕެއިންގެ މަޖައްލާ “ސާސްތުރަ” ނެރެފި

23 ފެބުރުއަރީ 2022 - 12:10

“ގެވެށި ގުޅުން” ކެމްޕެއިންގެ ދަށުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން މަޖައްލާއެއް ނެރެފިއެވެ. ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމަޢުއެއް ބިނާކުރުމަށް މަގުފަހިކުރުމުގެގޮތުން 2020 ވަނަ އަހަރު ފެށި “ގެވެށި ގުޅުން” ކެމްޕެއިންގެ ދަށުން ތައްޔާރުކުރި މި މަޖައްލާ ނެރެދެއްވީ މިއަދު ހެނދުނު ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. މި މަޖައްލާ ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އިތުރުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ އާއި ޕާކިސްތާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް އަތަރް މުޚްތާރު ބައިވެރިވެ ވަޑައިގެންފައިވެއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ، ފެމީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން “ސާސްތުރަ” މި ނަމުގައި މިއަދު ނެރުނު މަޖައްލާއަކީ 62 ޞަފްހާގެ އެކުލެވޭ މަޖައްލާއެކެވެ. މި މަޖައްލާގައި ގެވެށި އަނިޔާއަށް ހޭލުންތެރިކުރުމަށް ލިޔެފައިވާ އާޓިކަލްތަކުގެ އިތުރުން ގެވެށި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާއި، ގެވެށި ގުޅުން ބަދަހިކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭ މަޢުލޫމާތު އެކުލެވޭ އާޓިކަލް ހިމެނިފައިވާނެއެވެ. މީގެ އިތުރުން، ގެވެށި އަނިޔާއާ ގުޅުންހުރި މުހިންމު ބައެއް ސުވާލާއި އަދި އޭގެ ޖަވާބު ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރާއްޖެއިން ލިބެންހުރި ޙިދުމަތްތަކާ ގުޅޭ މަޢުލޫމާތު މި މަޖައްލާގައި ހިމެނިފައިވެއެވެ.

މި މަޖައްލާގައި މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދިޔަ “ގެވެށި ގުޅުން ސާސްތުރަ” ޓީވީ ސީރީޒްގައި މެހުމާނުންގެ ގޮތުގައި ބައިވެރިވެވަޑައިގެންފައިވާ ފަރާތްތަކުން ވިދާޅުވެފައިވާ ވާހަކަފުޅުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ބައެއް ވިދާޅުވުންތަކާއި، ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން މިހާތަނަށް ކުރިއަށްގެންދެވިފައިވާ ބައެއް ޙަރަކާތްތަކުގެ ފޮޓޯއާއި ކެމްޕެއިންގެ ދަށުން ފޯރުކޮށްދެވޭ މައިގަނޑު ބައެއް މެސެޖުތައްވެސް، އެއާ ގުޅުންހުރި އިލަސްޓްރޭޝަންއާއެކު ހިމެނިފައިވާނެއެވެ. އަދި، ހަމަ މިއާއެކު ގެވެށި އަނިޔާއަށް ހޭލުންތެރިކޮށްދޭނެ ކުރު ވާހަކަ އާއި ކޮމިކް އަދި ޅެންވެސް މި މަޖައްލާގައި ހިމަނާފައިވެއެވެ. “ސާސްތުރަ” މަޖައްލާގައި ހިމަނާފައިވާ އާޓިކަލްތައް ލިޔެފައިވާ ފަރާތްތަކުގެ ތެރޭގައި އިޖުތިމާޢީ މައްސަލަތަކާއި ގުޅޭ ޢިލްމު ހާޞިލްކުރައްވައިގެން ތިއްބެވި ބޭފުޅުންނާއި، ރާއްޖޭގެ ބައެއް މަޝްހޫރު ލިޔުންތެރިން ހިމެނެއެވެ.

މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދާ “ގެވެށި ގުޅުން” ކެމްޕެއިންގެ ދަށުން މިހާތަނަށް ގިނަ ޙަރަކާތްތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.