ނައިބު ރައީސް، އދ. މާމިނގިއްޔާއި ފެންފުށީގެ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވައިފި

15 ފެބުރުއަރީ 2022 - 11:53

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް، އދ. ފެންފުށްޓާއި މާމިނގިއްޔަށް ވަޑައިގެން އެ ދެރަށުގެ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފެންފުށްޓަށް ވަޑައިގެން އެރަށު ހެލްތު ސެންޓަރާއި ސްކޫލަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ އިސްފަރާތްތަކާއި ވަނީ މަޝްވަރާކުރައްވާފައެވެ. މި މަޝްވަރާގައި ސްކޫލުގެ ފަރާތުން ވަނީ ޖާގައިގެ ދަތިކަމާއި ސްކޫލް ސިންގަލް ސެޝަންއަށް ބަދަލުކުރަން ބޭނުންވާކަމަށާއި އަދި މި ނޫން ވެސް ސްކޫލަށް ކުރިމަތިވެފައިވާ ބައެއް ދަތި މައްސަލަތައް ފާހަގަކުރައްވާފައެވެ. ހެލްތު ސެންޓަރުން ވަނީ ބޭސްލިބުމުގެ ދަތިކަމާއި ހެލްތު ސެންޓަރުގައި ޚިދުމަތްދިނުމުގައި ހުރި ބައެއް ދަތި މައްސަލަތައް ފާހަގަކުރައްވާފައެވެ. ސްކޫލާއި ހެލްތު ސެންޓަރުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި މަޝްވަރާކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު މިއަދު ދެން ވަޑައިގެންނެވީ މާމިނގިއްޔަށެވެ. އެރަށަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އަތޮޅު މަދަރުސާއާއި ހެލްތުސެންޓަރަށް ވަޑައިގެން އެތަންތަނުގެ އިސްވެރިންނާއި ބައްދަލުކުރައްވާފައެވެ. އެގޮތުން އަތޮޅު މަދަރުސާގެ އިސްވެރިން ވަނީ މިހާރު ކުރިޔަށްދާ އަތޮޅު މަދަރުސާގެ އައު އިމާރާތުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަރިހުގައި ދަންނަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އަތޮޅު މަދަރުސާގެ އިސްވެރިން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި މަޝްވަރާކުރައްވާނެކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މާމިނގިލީގައި ހުންނަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ސައިޓަށް ޒިޔާރަތްކުރައްވާފައެވެ.

މާމިނގިއްޔަކީ ފ. ނިލަންދޫއާއި އދ. ފެންފުށްޓަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ދަތުރުފުޅު ނިންނިންމަވާލައްވައި މިއަދު މާލެ ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައިވެއެވެ.