ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން “އޯޝަން 50|6” ހަރަކާތް އިފްތިތާޙު ކޮށްދެއްވައިފި

5 ފެބުރުއަރީ 2022 - 12:09

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު "އޯޝަން 50|6" ހަރަކާތް އިފްތިތާޙު ކޮށްދެއްވައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހަވީރު ސޯލްޓް ކެފޭ ރެސްޓޯރެންޓްގައި މި ހަރަކާތް އިފްތިތާޙްކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި މި ހަރަކާތް އެންމެން ޝާމިލުވާގޮތަށް ކުރިޔަށް ގެންދިއުމަށް އިސްކަންދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އެގޮތުން އަންހެނުންނާއި ކުޑަކުދިންނާއި އިސްރަށްވެހިންނާ އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރޭންވެސް މިކަމުގައި ޝާމިލުވެވޭނެ ފަރާތްތަކުގެ ބައިވެރިވުން އޮތުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ މިކަމަކީ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މުނާޞަބާވެސް ފާހަގަކުރުމުގެ ގޮތުން ކުރިޔަށްގެންދާ ކަމަކަށްވާއިރު ކުޑަކުދިންނަށް މިހަރަކާތަކީ ކިހާ މުހިންމު ހަރަކާތެއްކަން ކިޔައިދޭ އަދި ދައްކުވައިދޭން ޖެހޭކަން ވެސް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އަދި ކަމެއް ކާމިޔާބު ވާނީ ކަމަށް ކަމޭހިތައިގެން ހިތްވަރާއެކު ކުރާ މަސައްކަތުންކަން ކުދިންނަށް އަންގައިދިނުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އޯޝަން 6/50 އަކީ ރާއްޖޭގެ ފަތުރުވެރިކަމާއި ޑައިވިންގ އިންޑަސްޓްރީއަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ އެކްސްޓްރީމް ޑައިވިންގ އިވެންޓެކެވެ. މި ހަރަކާތުގެ ސަބަބުން ޕްލާސްޓިކް ކުނިން ކަނޑު ތަޣައްޔަރުވުމާއި ، މޫސުމަށް އަންނަ ބަދަލުތަކާއި، ނެތިދިޔުމުގެ ބިރު ހީވެފައިވާ ކަނޑުގެ ދިރުންތައް އަދި މުޅި ކަނޑުފަޅުގެ ދިރުންތަކާމެދު ހޭލުންތެރިކަން އިތުރުކުރުމާއި މިކަންކަމަށް މާނަވީ އަދި ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް ރާއްޖޭގެ އަދި ބައިނަލްއަޤްވާމީ ޑައިވިންކޮމިއުނިޓީއާއި، މެރިން ރިސާޗަރުންނާއި، ތިމާވެށީގެ އެކްޓިވިސްޓުން އެއްތަނަކުން ބައްދަލުވެ ވަކާލާތުކުރުމަށް މަގުތަނަވަސް ވެގެންދާނެއެވެ.