އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކު ބެލެހެއްޓުމާއި ގުޅޭގޮތުން ރާއްޖެއިން ޕްރޮޕޯސަލްއެއް ހުށަހަޅައިފި

4 މާޗް 2021 - 9:23

އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކު ބެލެހެއްޓުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާކުރުމާއި ގުޅޭގޮތުން ދިވެހިރާއްޖެއިން ޕްރޮޕޯސަލްއެއް ހުށައަޅައިފިއެވެ.

މި ޕްރޮޕޯސަލް ހުށައަޅާފައިވަނީ "ޖީ 16 - ގްރޫޕް އޮފް ލައިކް މައިންޑަޑް ކޯސްޓަލް ސްޓޭޓްސް“ގެ 25 ވަނަ ބައްދަލުވުމުގައެވެ. މި ޕްރޮޕޯސަލް ތައްޔާރުކޮށްފައިވަނީ އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ ޤައުމުތައް ހިމެނޭގޮތަށްކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވިދާޅުވެއެވެ.

"ޖީ 16-ގްރޫޕް އޮފް ލައިކް މައިންޑަޑް ކޯސްޓަލް ސްޓޭޓްސް“ގެ 25 ވަނަ ބައްދަލުވުން ބާއްވާފައިވަނީ ފެބުރުއަރީ 23 އަދި 24 ވަނަ ދުވަހަށެވެ. ވަރޗުއަލްކޮށް ބޭއްވި މި ބައްދަލުވުމުގެ މަޤްޞަދަކީ މި އަހަރުގެ މާރިޗް މަހުގެ 8 އިން 12 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއާ ކަނޑުގެ ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރާ ސަރަޙައްދީ ޖަމުޢިއްޔާ، އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) ގެ ޚާއްޞަ ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން ޖީ-16 ޤައުމުތަކުން ހުށަހަޅާ ޕްރޮޕޯސަލްތަކާމެދު މަޝްވަރާކޮށް ހިޔާލު އެއްގޮތް ކުރުންކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. ޖީ-16 ގެ އިންތިޤާލީ ސެކްރެޓޭރިއެޓް ބަލަހައްޓާ ޤައުމުގެ ހައިސިއްޔަތުން، މި ބައްދަލުވުން އިންތިޒާމުކޮށް ހިންގައިފައިވަނީ ދިވެހިރާއްޖެއިންނެވެ.

އިންޑިއާ ކަނޑުން ރީނދޫއުރަހަ ކަންނެލި ހިފާ މިންވަރު މަދު ނުވެ، ކަންނެލީގެ މަސްވެރިކަން ކުރަމުންދާ ދިއުމުގެ ސަބަބުން ރީނދޫ އުރަހަ ކަންނެލީގެ އާބާދީ ނެތި ހިނގައިދާނޭކަމުގެ ކަންބޮޑުވުން ފާޅުކޮށް އިންޑިއާ ކަނޑުން ބާނާ ރީނދޫއުރަހަ ކަންނެލި "ބޮއިކޮޓް ކުރަންޖެހިދާނެ ކަމުގެ އިންޒާރު ދުނިޔޭގެ ބޮޑެތި ރީޓެއިލަރުން އަދި ސުޕަމާކެޓްތަކުން ވަނީ ދީފައިއެވެ. އެހެންކަމުން، ދިވެހިރާއްޖެއިން އައި.އޯ.ޓީ.ސީ.ގެ ޚާއްޞަ ބައްދަލުވުމަށް ހުށަހެޅި ހުށަހެޅުމަކީ، އިންޑިއާ ކަނޑުގެ ރީނދޫއުރަހަ ކަންނެލީގެ ހާލަތު ރަނގަޅު ކުރުމަށާއި ރާއްޖެއިން ދުނިޔޭގެ ބާޒާރުތަކަށް ރީނދޫއުރަހަ ކަންނެލި އެކްސްޕޯޓުކުރުމަށް މުސްތަޤުބަލުގައި ކުރިމަތިވެދާނެ ހުރަސްތަކަށް ރިޢާޔަތްކޮށް އެކަންކަމަށް ހައްލު ހޯދުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ހުށަހެޅުމެއްކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

2015 ވަނަ އަހަރު ބޭއްވި އައި.އޯ.ޓީ.ސީ.ގެ ސައިންޓިފިކް ކޮމިޓީގެ 18 ވަނަ ބައްދަލުވުމުގައި އިންޑިއާ ކަނޑުގެ ރީނދޫއުރަހަ ކަންނެލީގެ އާބާދީ ހީނަރުވެފައިވާ ކަމަށާއި، އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ރީނދޫ އުރަހަ ކަންނެލީގެ މަސްވެރިކަން ކުރަމުންދަނީ އެ ތަކެތީގެ އާބާދީއަށް ގެއްލުންވާނޭ މިންވަރަކަށް ކަމަށް ވަނީ ކަނޑައަޅައިފައެވެ. އަދި ރީނދޫއުރަހަ ކަންނެލީގެ އާބާދީ އިއާދަކުރުމަށްޓަކައި 2016 ވަނަ އަހަރު ”އިންޓަރިމް ޕްލޭން ފޮރ ރީބިލްޑިން ދި އިންޑިއަން އޯޝަން ޔެލޯފިން ޓޫނާ ސްޓޮކްސްއިން ދި އައި.އޯ.ޓީ.ސީ. އޭރިއާ އޮފް ކޮމްޕިޓެންސް”ގެ ނަމުގައި ރީނދޫއުރަހަ ކަންނެލީގެ އާބާދީ އިޢާދަކުރުމުގެ ޕްލޭންއެއް ވަނީ ފާސްކޮށްފައެވެ.

ޖެހިގެން އައި އަހަރުތަކުގައި މި ޕްލޭން އިތުރަށް މުރާޖަޢާކޮށް، މިހާރު އަމަލުކުރަމުން ދަނީ 2019 ވަނަ އަހަރު މުރާޖަޢާކޮށް އިންޑިއާ ކަނޑުގައި މަސްވެރިކަންކުރާ ޤައުމުތަކުގެ މެދުގައި އެއްބަސްވެފައިވާ ޕްލޭނަށެވެ. މި ޕްލޭންގެ މަޤްޞަދަކީ އިންޑިއާ ކަނޑުގައި މަސްވެރިކަންކުރާ އާލާތްތަކަށް ބަހާލައިގެން މުޅި އިންޑިއާ ކަނޑުން ރީނދޫއުރަހަ ކަންނެލި ހިފާ ޖުމްލަ މިންވަރު މަދުކޮށް، ރީނދޫއުރަހަ ކަންނެލީގެ އާބާދީ އިޢާދަވުމަށް ފުރުޞަތު ދިނުމެވެ.