ދިވެހިރާއްޖެއާ މެލޭޝިއާގެ ޕަބްލިކް ސެކްޓަރ އޮޑިޓް ދާއިރާ ހަރުދަނާކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
27 ޖެނުއަރީ 2022 - 10:47
ދިވެހިރާއްޖެއާ މެލޭޝިއާގެ ޕަބްލިކް ސެކްޓަރ އޮޑިޓްކުރުމުގެ ދާއިރާ ހަރުދަނާކުރުމަށް ދިވެހިރާއްޖޭގެ އޮޑިޓަރ ޖެނެރަލްގެ އޮފީހާއި މެލޭޝިއާގެ ނޭޝަނަލް އޮޑިޓް ޑިޕާޓްމަންޓާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މިއަދު އޮންލައިންކޮށް ބޭއްވި ހަފްލާގައި ސޮއި ކުރެވުނު ފަހުމުނާމާގެ ދަށުން ޕަބްލިކް ސެކްޓަރ ގަވަރނަންސް އާއި ޕަބްލިކް ސެކްޓަރ އޮޑިޓްކުރުމުގެ ދާއިރާ ހަރުދަނާ ކުރުމަށް ދެ މުއައްސަސާ ގުޅިގެން މަސައްކަތް ކުރާނެއެވެ. މިގޮތުން ދެ މުއައްސަސާގެ މެދުގައި ތަމްރީނުގެ ފުރުސަތުތަކާއި ޢިލްމާއި ތަޖުރިބާ އާއި ބެސްޓް ޕްރެކްޓިސް ހިއްސާ ކުރެވިގެން ދާނެއެވެ.
މިއަދު ބޭއްވި ހަފްލާގައި މެލޭޝިއާގެ ނޭޝަނަލް އޮޑިޓް ޑިޕާޓްމަންޓްގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ އެގައުމުގެ އޮޑިޓަރ ޖެނެރަލް ދާތުކް ނިކް އަޒްމަން ނިކް އަބްދުލް މަޖީދް އެވެ. އަދި ދިވެހިރާއްޖޭގެ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުނެ ސޮއި ކުރެއްވީ އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީއެވެ.
މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ނިޔާޒީ ވިދާޅުވީ ސޮއިކުރެވިގެން މި ދިޔަ ފަހުމުނާމާގެ ދަށުން ދެ މުއައްސަސާގެ ދެމެދުގައި އެއްބާރުލުން އިތުރުވެ، މުއައްޒަފުންގެ ޢިލްމާއި ހުނަރާއި ޤާބިލްކަން އިތުރުކުރުމުގެ ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.