ގަމު އިންޓަނޭޝަނަލް އެއަރޕޯޓުގައި ކަރަންޓީންގެ ހިދްމަތް ފަށަނީ
24 ޖެނުއަރީ 2022 - 6:52
ގަމު އިންޓަނޭޝަނަލް އެއަރޕޯޓުގައި ކޮރަންޓީންގެ ހިދްމަތް ދެހަފްތާތެރޭ ފެށުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ ޑރ ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
ޑރ ހުސެއިން ވިދާޅުވީ މި ނިންމުން ނިންމާފައިވަނީ އެ މަނިކުފާނު އައްޑޫސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އައްޑޫސިޓީ ކައުންސިލާއި ޖެނުއަރީ 20 ވަނަ ދުވަހު ބައްދަލުކޮށްފައި ކުރެވުނު މަޝްވަރާތަކުގެ ތެރޭގައި ކަމަށެވެ.
މީގެ އިތުރުން އައްޑޫސިޓީގައި މަސްކަނދުފަތި އާއި ވަދުކަނދުފަތި އެޅުމަށާއި، އައްޑޫފިޝަރީޒް ކޮމްޕްލެކްސްގެ ބަނދަރާއި ގުޅޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަމަށް މިނިސްޓަރ ހުސެއިން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މިބައްދަލުވުމުގައި މަސްވެރިކަމާއި ދަނޑުވެރިންގެ ދާއިރާއިން އައްޑޫ ސިޓީގައި ކުރިއަށްދާ ޕްރޮޖެކްޓްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.
މިނިސްޓަރގެ މި ދަތުރުފުޅުގައި ހިތަދޫގައި ބީޓެކް ކުންފުނިން ގާއިމްކޮށްފައިވާ ޕޯލްޓްރީފާމްގެ މަސައްކަތްތައް ވަނީ ބައްލަވާލެއްވުމުގެ އިތުރުން މިފްކޯ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަދި މީދޫ ދަނޑުބިންތައްވެސް ވަނީ ބައްލަވާލައްވާފައެވެ.