ސަރުކާރުގެ ތަސައްވުރަކީ ލާ މަރުކަޒީ ނިޒާމެއްގެ ތެރެއިން ތަފާތު ކުރުމެއް ނެތި ހިދުމަތް ފޯރުކޮށްދިނުން: މާރިޔާ

22 ޖެނުއަރީ 2022 - 10:19

ރައީސް ސޯލިހުގެ ސަރުކާރުގެ ތަސައްވުރަކީ ލާ މަރުކަޒީ ނިޒާމެއްގެ ތެރެއިން ތަފާތު ކުރުމެއް ނެތި، ރައްޔިތުންނާ ވީހާވެސް ގާތުން ހިދްމަތް ފޯރުކޮށްދިނުން ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ކަސްޓަމްސްއިން އައްޑޫސިޓީގައި ބިނާ ކުރާ ސައުތް ރީޖަނަލް ހެޑް އޮފީހުގެ ބިންގާ އެޅުމަށް 21 ޖެނުއަރީގައި އައްޑޫސިޓީ ހިތަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އައްޑޫސިޓީ އަކީ ޒަމާނުއްސުރެ ގިނަ އަދަދެއްގެ ވިޔަފާރިވެރިން އެތަނަކަށް ނިސްބަތްވާ ސިޓީއެއް ކަމަށާއި، އެ ސިޓީގައި ކަސްޓަމްސްގެ އޮފީހެއް ހުޅުވިގެންދާކަމީ، ރައީސް ސޯލިހުގެ ސަރުކާރުން އައްޑޫ ސިޓީއާމެދު ގެންގުޅުއްވާ ގާތްކަމާއި ތަސައްވުރު ހާމަކޮށްދޭ ކަމެއް ކަމަށެވެ.

މިރީޖަނަލް ހެޑް އޮފީހުގެ ސަބަބުން އިމްޕޯޓް އެކްސްޕޯޓުގެ ހިދުމަތް ލިބިގަންނަ އެންމެހާ ވިޔަފާރިވެރިންގެ އިތުރުން، ހިދުމަތް ހޯދާ ރައްޔިތުންނަށް މުސްތަގްބަލްގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަން މިނިސްޓަރ މާރިޔާ ފާހަގަކުރެއްވިއެވެ.