އަބޫދާބީ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދިން ޑްރޯން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

19 ޖެނުއަރީ 2022 - 10:54

ޔުނައިޓެޑް އަރަބް އެމިރޭޓްސް (އަބޫދާބީ) އިންޓަރނޭޝަނަލް އެއަރޕޯޓަށް ދިން ޑްރޯން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

މި ހަމަލާ ކުށްވެރިކޮށް ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އާއްމު ރައްޔިތުންނަށް އަމާޒުކޮށް ދިން މި ހަމަލާ އަކީ ފިނޑި އަމަލެއް ކަމަށާއި، މިއީ ދުނިޔޭގެ ގައުމުތަކުގެ މެދުގައި އެއްބަސްވެފައިވާ އެއްބަސްވުންތަކަށް އަރައިގަތުން ކަމަށެވެ. މި ހަމަލާއަކީ ދަތުރުކުރާ ފަރާތްތަކާއި، އާއްމު ފަރުދުން ނުރައްކަލަކަށް ވައްޓާލުން ކަމަށް ދެކޭ ކަމަށެވެ.

ޔޫ. އޭއީ ގެ ސަލާމަތާއި ރައްކާތެރި ކަމަށް، އެ ގައުމުން ކުރަމުން އަންނަ މަސައްކަތުގައި ބައިވެރިއެއްގެ ގޮތުގައި ދިވެހިރާއްޖެއިން އަބަދުވެސް ދެމި އޮންނާނެ ކަމުގެ ޔަގީންކަން މި ކަމާއި ގުޅިގެން ދިވެހިރާއްޖެއިން ނެރެފައިވާ ބަޔާނުގައި ވަނީ ދިފައެވެ.

ޓެރަރިޒަމާއި ދެކޮޅަށް ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށާއި، އަދި ދުނިޔެއިން މި ކަމާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގައި ގާތުން މަސައްކަތް ކުރަމުންދާނެ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

 ޔޫއޭއީ ގެ ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި  އަބޫދާބީ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދިން މި ހަމަލާގައި ދެ މީހަކު ވަނީ މަރުވެފައެވެ. މިއީ ޔަމަނުގެ ހޫޘީން ފޮނުވާލި ޑްރޯން ހަމަލާތަކެއް ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.