ދުބާއީ އެކްސްޕޯ 2020 އަށް ރައީސް ސޯލިހު ޒިޔާރަތްކުރައްވައިފި

18 ޖެނުއަރީ 2022 - 10:27

ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ދުބާއީ އެކްސްޕޯ 2020އަށް ޒިޔާރަތް ކުރައްވައި އެކްސްޕޯ ބައެއް ޕެވިލިއަންތައް ބައްލަވާލައްވައިފިއެވެ.

މި ޒިޔާރަތުގައި ރައީސް ސޯލިހު ވަނީ ދިވެހިރާއްޖޭގެ ޕެވިލިއަން، ސިންގަޕޫރުގެ ޕެވިލިއަން، އިޓަލީގެ ޕެވިލިއަން އަދި ވިޝަން ޕެވިލިއަން ބައްލަވާލައްވާފައެވެ.

 ރައީސް ސޯލިހު ޒިޔާރަތްކުރެއްވި ޕެވިލިއަންތަކުގެ ތެރެއިން ވިޝަން ޕެވިލިއަންއަކީ ޔޫ.އޭ.އީ.ގެ ނައިބު ރައީސް އަދި ބޮޑުވަޒީރު ދުބާއީގެ ވެރިޔާ ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމްގެ ވިސްނުންފުޅުތަކާއި ތަސައްވުރުތައް ދައްކުވައިދޭ ޕެވިލިއަންއެކެވެ

މީގެ އިތުރުން ދިވެހިރާއްޖޭގެ ޕެވިލިއަންއިން ދައްކުވައިދެނީ މޫސުމަށް އަންނަ ބަދަލުތަކަށް ހައްލެއް ހޯދުމުގައި ދެމެހެއްޓެނިވި ގޮތެއްގައި އަމަލުކުރާ ގޮތްތަކާއި، ތިމާވެށީގެ ދާއިރާއިން ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކެވެ. ސިންގަޕޫރުގެ ޕެވިލިއަން ބަލާއިރު، އެ ޕެވިލިއަން އިން ދައްކުވައިދެނީ ބަގީޗާއެއްގެ ގޮތަށް އޮންނަ ދިރިއުޅެން ފަސޭހަ ސިޓީއެކެވެ. އިޓަލީގައި އެކި ދާއިރާތަކުން ހުރި ފުރުސަތުތަކާއި ހާސިލްކޮށްފައިވާ ކުރިއެރުންތައް އެ ގައުމުގެ ޕެވިލިއަން އިން ދައްކުވައިދެއެވެ.

ރައީސް ސޯލިހުގެ ޔޫ.އޭ.އީ އަށް މި ކުރައްވާ ދަތުރުފުޅަކީ އަބޫދާބީގެ ވަލީއަހުދު އަދި ޔޫ.އޭ.އީގެ އާމްޑް ފޯސަސްގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ، ޝައިހް މުހައްމަދު ބިން ޒައިދު އަލް ނަހްޔާންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.