ހުޅުމާލޭގައި އަލަށް ހެދި ކޯވިޑް ފެސިލިޓީ މިނިސްޓްރީއާއި އެޗްޑީސީން ހަވާލުކޮށްފި

15 ޖެނުއަރީ 2022 - 10:12

ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިސްޓިރިބިއުޝަން ސެންޓަރެއްގައި ހެދި  އާ ކޯވިޑް ފެސިލިޓީގެ މަސައްކަތް ނިންމުމަށްފަހު މިނިސްޓްރީ އޮފް ހެލްތް އާއި ހަވާލުކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

 އެޗްޑީސީން ބުނީ އެ ކޯޕަރޭޝަންގެ ޑިސްޓިރިބިއުޝަން ސެންޓަރެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ އިމާރާތުގެ ސްޓްރަކްޗަރ އަށް ބަދަލުތަކެއް ގެނައުމަށްފަހު، އެ މަސައްކަތް ނިންމާ ހެލްތް މިނިސްޓްރީ އާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 5 ވަނަ ދުވަހު ކަމަށެވެ.ހުޅުމާލޭގެ އާ ކޯވިޑް ފެސިލިޓީ އަކީ 3 ފަންގިފިލާއަކަށް ބަހާލައިގެން އޮކްސިންޖަން ސިލިންޑަރުތައް އުފުލުންނުޖެހޭ ގޮތަށް ހޮޅި އަޅާ ގޮތަށް ޑިޒައިންކޮށްފައިވާ ފެސިލިޓީއެކެއެވެ.

އެޗްޑީސީން ބުނީ މިނިސްޓްރީ އާއި އިމާރާތް ހަވާލުކުރިފަހުން، މި ކޯވިޑް ފެސިލިޓީ ހިންގުމަށް ހަމަޖެހިފައިވާ ހުޅުމާލޭ ހޮސްޕިޓަލުން ބައެއް ކަންކަން ފުރިހަމަކޮށްދިނުމަށް އެދިފައިވާ ކަމަށާއި، އެދުނު މަސައްކަތްތައް މި އަހަރުގެ މާރޗް މަހު ނިންމާލެވޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

މާލެ ސަރަހައްދުގައި ކޯވިޑް ފެސިލިޓީ އެއް ގާއިމްކުރުމަށް ސަރުކާރުން އެޗްޑީސީ އާއި ހަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގައެވެ.