ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮންލައިން ބިޑް ޕްރޮޕޯސަލް ޕޯޓަލް ތައާރަފްކޮށްފި

10 ޖެނުއަރީ 2022 - 10:39

 ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން ދެމުންގެންދާ ހިދްމަތްތައް ޑިޖިޓަލައިޒްކޮށް، އާއްމު ފަރާތްތަކަށް ލުއި ފަސޭހަ ހިދްމަތް ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތުގައި، އެ ކޯޕަރޭޝަނަށް ބީލަން އަދި ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންކުރާނެ ޕޯޓަލެއް މި މަހުގެ 9 ވަނަ ދުވަހު ތައާރަފްކޮށްފިއެވެ.

އެޗްޑީސީން ބުނީ މުދަލާއި ހިދްމަތް ހޯދުމަށް ކުރެވޭ ބީލަންތަކުގެ އެންމެހާ ކަންކަން ދެން ކުރެވޭނީ ހަމައެކަނި މި ޕޯޓަލް މެދުވެރިކޮށް ކަމަށާއި،ބީލަމާއި ގުޅޭ ކަރުދާސްތައް ހޯދުމާއި އަދި ބީލަންތައް ބަލައިގަތުންވެސް ކުރިއަށްދާނީ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

މީގެ އިތުރުން އެޗްޑީސީން ހުޅުވާލާ ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތުތަކުގެ ތަފްސީލް މި ޕޯޓަލް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށާއި، މި ގޮތުން ޕްރޮޕޯސަލް ހުށަހަޅަން ޝައުގުވެރިވާ ފަރާތްތައް ޕްރޮޕަނަންޓެއްގެ ގޮތުގައި ރެޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާ އެޗްޑީސީން ވަނީ ބުނެފައެވެ. ޕްރޮޕޯޒަލް ހުށަހެޅުމަށް ބޭނުންވާ ކަރުދާސްތައް ( އާރް.އެޕް.ޕީ. އަދި ޕްރޮޕޯސަލް ފޯމް) މި ޕޯޓާލް މެދުވެރިކޮށް  ލިބެން ހުންނާނެ ކަމަށެވެ. ހުޅުވާލާފައިވާ އާރް.އެޕް.ޕީ ތަކަށް މި ޕޯޓަލް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ މި ޕޯޓަލް މެދުވެރިކޮށް އެ ކޯޕަރޭޝަނަށް ތަކެއްޗާއި ހިދްމަތް ފޯރުކޮށްދޭން ޝައުގުވެރިވާ ފަރާތްތައް ވެންޑަރއެއްގެ ގޮތުގައި ރެޖިސްޓްރީވުމުގެ ފުރުސަތު ހުޅުވިފައި އޮންނާނެ ކަމަށެވެ. މިހާރު ވެންޑަރއެއްގެ ގޮތުގައި ރެޖިސްޓަރވެފައިވާ ފަރާތްތައް އަލުން ޕޯޓަލް މެދުވެރިކޮށް ރެޖިސްޓަރ ވުމަށް 30 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ. މި މުއްދަތުގެ ތެރޭގައި ރެޖިސްޓަރ ނުވާނަމަ މިހާރު އެ ކޯޕަރޭޝަނުގައި އެކުންފުންޏެއް ވެފައިވާ ރެޖިސްޓްރޭޝަން ބާތިލްވާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.