މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލާ ބައްދަލުކުރައްވައި މި ސަރުކާރުގެ ސިޔާސަތަކީ ލާމަރުކަޒުކުރުން ކަމުގައި ރައީސް ވިދާޅުވެއްޖެ
5 ޖެނުއަރީ 2022 - 8:10
މިލަދުންމަޑުލު އަތޮޅު ކައުންސިލާއެކު މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެ އަތޮޅު ކައުންސިލް އިދާރާގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި މި ސަރުކާރުގެ ސިޔާސަތަކީ ލާމަރުކަޒުކުރުންކަމުގައި ވިދާޅުވެއްޖެއެވެ.
މި ބައްދަލުކުރެއްވުމުގައި އަތޮޅު ކައުންސިލުން ވަނީ ވަކި ރަށެއްގެ މަސްލަޙަތު އިސްނުކޮށް ސަރުކާރުގެ މުއައްސަސާތަކާއި ކައުންސިލްތަކުން ގުޅިގެން އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކޮށްފި ނަމަ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހުރި ކަންކަން ހާސިލްކޮށް ނަތީޖާ ނެރެވޭނެ ކަން ފާހަގަ ކުރައްވައިފައެވެ. އަދި، އަތޮޅު ކައުންސިލުން ވަނީ އަތޮޅުގެ ތަރައްޤީއަށް ރާވާފައިވާ ކަންކަމާއި، ދިމާވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މި ގޮތުން އަތޮޅު ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، އަތޮޅުގެ ރައްޔިތުންގެ ބޯހިޔާވަހިކަމާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއި، ބައެއް ރަށްރަށުގެ އިހްތިޞާޞްއާ ގުޅޭ ކަންބޮޑުވުންތަކާއި، ކުނި މެނޭޖްކުރުމަށް ގެންގުޅޭ ވިސްނުމާއި، ފެރީ ދަތުރުފަތުރުގެ ޚިދުމަތާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއި، އަތޮޅު ހޮސްޕިޓަލްގެ ޚިދުމަތް ފުޅާކުރުމާއި ގުޅޭ ކަންކަން ހިމެނެއެވެ. މީގެ އިތުރުން ވެސް ލާމަރުކަޒީ ނިޒާމަށް ގެނެވުނު އިސްލާޙުތަކާއެކު ކައުންސިލްތަކަށް ލިބިފައިވާ އިޤްތިޞާދީ ހަރަކާތްތައް ހިންގުމުގެ ފުރުޞަތުތަކާ ގުޅޭގޮތުން ކައުންސިލުން ވަނީ ފުޅާ ދާއިރާއެއްގައި ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާކުރެއްވުމަށްފަހު އެދެވޭ ޙައްލެއް ހޯއްދަވައިދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން ވެސް ކައުންސިލުން އަތޮޅުގެ ތަރައްޤީއަށް ގެންގުޅުއްވާ ވިސްނުންފުޅަކީ ރާއްޖޭގެ ޤައުމީ ތަރައްޤީގެ ޕްލޭންތަކާއި އެއްކީލި އެއްޗެއްގެ ގޮތުގައި ބާއްވައިގެން ކަންކަން ކުރިޔަށް ގެންދެވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާ މަނަދުއަށް މި ކުރައްވާ ދަތުރުފުޅަކީ މިލަދުންމަޑުލު ދެކުނުބުރީގެ ފަސް ރަށަކަށް މިއަދު ފެއްޓެވި ދެ ދުވަހުގެ ދަތުރުފުޅުގެ ތިންވަނަ މަންޒިލެވެ. އެ މަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.