އިޔާދަކުރަނިވި ހަކަތައަށް އިންވެސްޓް ކުރުމާ ބެހޭގޮތުން ވެބިނަރއެއް، އިކޮނޮމިކް މިނިސްޓްރީން ޔޫ.އޭ.އީގެ އެމްބަސީއާ ގުޅިގެން ބާއްވައިފި

23 ޑިސެމްބަރ 2021 - 10:48

އިކޮނޮމިކް މިނިސްޓްރީން ޔޫ.އޭ.އީގެ އެމްބަސީއާ ގުޅިގެން އިޔާދަކުރަނިވި ހަކަތައަށް އިންވެސްޓް ކުރުމާ ބެހޭގޮތުން ވެބިނަރއެއް އިއްޔެ ބާއްވައިފިއެވެ.

މި ވެބިނަރ އަކީ އިޔާދަކުރަނިވި ހަކަތައަށް ދެ ޤައުމުންވެސް އިންވެސްޓް ކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން ދެ ޤައުމު ދޭތެރޭ މަޝްވަރާ ކުރުމަށް ބޭއްވެވި ވެބިނަރ އެކެވެ.

ޔޫ.އޭ.އީ އެމްބަސީގެ ފަރާތުން ވާހަކަ ދައްކަވަމުން، ހީބާ އަލްޖްނައިބީ، ރާއްޖެއާއި ޔޫ.އޭ.އީ އާއި ދެމެދު އޮންނަ ޙާއްސަ ގުޅުމަށް އަލިއަޅުއްވާލެއްވި އެވެ. އަދި ދެ ޤައުމު ދޭތެރޭ އޮންނަ ޓްރޭޑް އަދި އިންވެސްޓް ކުރުމުގެ ގުޅުން އިތުރަށް ތަރައްޤީކުރުމަށް ޝައުޤުވެރިކަން ފާޅުކުރެއްވި އެވެ. އަދި ހަމަ އެހެންމެ ޔޫ.އޭ.އީ އިން އިޔާދަކުރަނިވި ހަކަތައާއި މޫސުމީ ބަދަލްތަކުން ރައްކާތެރިވުމަށް އެ ޤައުމުން ކުރަމުންދާ މަސައްކަތްތަކާއި ހާސިލް ކުރައްވާފައިވާ ކާމިޔާބީ ތަކަށްވެސް އަލި އަޅުއްވާލި އެވެ.

ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީން އަދި އެންވަޔަރަމެންޓް މިނިސްޓްރީން މި ވެބިނަރގައި، ރާއްޖޭގެ އިޤްތިސާދު އަދި އިޔާދަކުރަނިވި ހަކަތަ އަށް އިންވެސްޓް ކުރުމަށް ހުރި ފުރުސަތުތަކުގެ މައްޗަށް އަލިއަޅުވާލި އެވެ.

މިގޮތުން، އެންވަޔަރަމެންޓް ސްޓޭޓް މިނިސްޓަރު، 2030 އަށް ދާއިރު ނެޓް ޒީރޯ ހާސިލްކުރުމުގެ މަޤްސަދު ފާހަގަކޮށްލެއްވި އެވި.