އަރަބިއްޔާ ސްކޫލަށް އައު އިމާރާތެެއް ހޯދުމަށް އޮތް މައްސަލައަަށް ސަރުކާރުން ދާއިމީ ޙައްލެއް ހޯދަވައިދެއްވައިފި ކަމަށް ރައީސް ވިދާޅުވެއްޖެ

21 ޑިސެމްބަރ 2021 - 8:53

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ޕީ.ޓީ.އޭ.ގެ ބޭފުޅުންނާއި ބައްދަލުކުރައްވައި އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއައްސަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ސުކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލައިގެ ދާއިމީ ޙައްލަކަށް ސަރުކާރުން ނިންމަވާފައިވަނީ މިހާރުގެ ބާޖަމާލުއްދީން ހުރި ގޯތި ތެރޭގައި ޖާގައިގެ ގޮތުން މިހާރަށްވުރެ ތަނަވަސް އައު އިމާރާތެއް އެޅުން ކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ޕީ.ޓީ.އޭ.ގެ މެންބަރުންވަނީ މިހާރު އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ ހިންގާ އިމާރާތުގައި ހުރި ދަތިތައް ވަރަށް ތަފްޞީލުކޮށް ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާކުރައްވައިފައެވެ. އަދި އިމާރާތުގެ މައްސަލަތަކެއް ހުރުމުން އެޑިއުކޭޝަން މިނިސްޓްރީއިން ވަގުތީ ގޮތުން ދެއްވި ޙައްލުތަކާމެދު ހުރި ކަންބޮޑުވުންތައްވެސް މި ބައްދަލުވުމުގައި ޕީ.ޓީ.އޭ.ގެ މެންބަރުންވަނީ ޙިއްޞާކުރައްވާފައެވެ.

މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ޕީ.ޓީ.އޭ.ގެ މެންބަރުންވަނީ އެ ބޭފުޅުން މި މައްސަލައިގައި ޙައްލު ހޯދަން ބޭނުންވާ ގޮތްތައް ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ޕީ.ޓީ.އޭ.ގެ މެންބަރުން ހުށަހެޅުއްވި އިތުރު ކަންކަން ބައްލަވައި އެކަންކަމަށް ވެސް ޙައްލެއް ހޯދައިދެއްވުމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން އާއި މަޝްވަރާކުރައްވާނެކަމުގައި ވިދާޅުވެފައެވެ.