ކ. ގާފަރުގެ އައިސް ޕްލާންޓާއި ފުލުހުންގެ ޚިދުމަތް ތަޢާރަފުވެގެން ދިޔުންް ޝުކުރުވެރިކަމާއެކު ފާހަގަކުރައްވައިފި

11 ޑިސެމްބަރ 2021 - 8:29

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަސްވެރިންގެ ދުވަހުގެ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކ. ގާފަރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މާލެއަތޮޅު ގާފަރު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ވަނީ އެރަށުގައި އިއްޔެ ހުޅުއްވައި ދެއްވި 25 ޓަނުގެ އައިސް ޕްލާންޓާއި، މިއަދު ހެނދުނު އެރަށުގައި ތަޢާރަފްކުރި ފުލުހުންގެ ޚިދުމަތް ތަޢާރަފްކޮށްދެއްވުން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

މިއަދު ހެނދުނު ގާފަރު ކައުންސިލް އިދާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވައި އެކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން، ކައުންސިލުން ފާހަގަކުރައްވައިފައިވާ ކަންކަމުގެ ތެރޭގައި، ރަށުގެ ރައްޔިތުން ބިން ހިއްކުމަށް ބޭނުންވާކަމާއި، ބަނދަރުގެ ޖާގައިގެ ދަތިކަމާއި، ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމަށް ބަޖެޓުގައި ހިމެނިފައިވީ ނަމަވެސް މަސައްކަތް ނުފެށި ލަސްވުމުން ހުރި ކަންބޮޑުވުންތަކާއި، ރަށްގިރުމުގެ މައްސަލައާއި، ފެނާއި ނަރުދަމާގެ މަސައްކަތް ބަޖެޓުގައި ހިމެނުނު ނަމަވެސް މަސައްކަތް ނުފެށި ލަސްވާ މައްސަލަ ހިމެނެއެވެ. މީގެ އިތުރުން ވެސް ކައުންސިލުން ވަނީ ކުނި މެނޭޖްކުރުމުގައި ދިމާވާ ދަތިތަކާއި، ސްކޫލްގެ ޖާގައިގެ ދަތިކަން އަދި ބޭންކިންގ ގެ ޚިދުމަތް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ އޮފީސް މަސައްކަތްކުރުމަށް ވަކި ޚާއްޞަ ޖާގައެއް ނެތުމުގެ ސަބަބުން ދިމާވާ ދާތިކަން ފާހަގަކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކުރައްވާފައެވެ. މިގޮތުން ސްކޫލްގެ މައްސަލަ ނޫން އެހެން ހުރިހާ ކަމެއް ވަނީ ބަޖެޓުގައި ހިމެނިފައިކަމަށާއި އަދި ކޮންމެވެސް އެއް މަރުޙަލާއެއްގައި މަސައްކަތް ކުރިޔަށް ހިނގަ ހިނގާ އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރަށުގެ ތަރައްޤީއާ ގުޅުންހުރި ކަންކަމުގައި މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ގާފަރު ޞިއްޙީ މަރުކަޒަށް ޒިޔާރަތްކުރައްވާފައެވެ. އަދި، މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ކ. ގާފަރުގައި އަލަށް ޤާއިމްކޮށްފައިވާ ޕޮލިސް ޕޯސްޓަށް ޒިޔާރަތްކުރައްވައި، އެ މުއައްސަސާގެ މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ. އެމަނިކުފާނުގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވެސް ވަނީ މި ޒިޔާރަތުގައި ބައިވެރިވެވަޑައިގެންފައެވެ. ފުލުހުންގެ ޚިދުމަތް ދިނުމަށްޓަކައި ހުޅުވުނު މި ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުއްވައިދެއްވާފައި ވަނީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ އެވެ.