ފުވައްމުލަށް އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ

9 ޑިސެމްބަރ 2021 - 7:46

ޏ. ފުވައްމުލަށް އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 70 ޕަސެންޓް ނިމިއްޖެ ކަމަށް އެ މަސައްކަތް ކުރާ ކުންފުނި މޯލްޑިވްސް ޓްްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ވިދާޅުވެއްޖެއެވެ. އަދި ފެންހިންދާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް 6 ޑިސެމްބަރ 2021 ވަނަ ދުވަހު ވަނީ ފަށާފައި ކަމަށް ވެސް މަޢުލޫމާތު ދެއްވި އެވެ.

މި މަޝްރޫޢުގެ ދަށުން، 122،659 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތާއި، 95،239 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމާއި، 27،450 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމާއި، 19،940 މީޓަރުގެ ސަރަޙައްދެއްގައި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 271.3 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.