ހދ.ނެއްލައިދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ %50 ނިމިއްޖެ

28 ފެބުރުއަރީ 2021 - 14:48

ހދ.ނެއްލައިދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ %50 ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.

މީޑިއާތަކަށް މަޢުލޫމާތުދެމުން އެމްޓީސީސީން މިއަދު ބުނީ, ނެއްލައިދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ %50 ނިމިފައިވާ ކަމަށެވެ. އޭގެތެރޭގައި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކް އެތުރުމުގެ މަސައްކަތް ނިންމާލާފައިވާކަމަަށެވެ.

”މިހާރު ކުރިއަށްދަނީ އެއްގަމުތޮށިލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތައް.“ މި ވަގުތު މަސައްކަތްތައް ހުރިގޮތް ހާމަކުރަމުން އެމްޓީސީސީން ބުންޏެވެ.

47.62 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން 62,863 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، ބިން ހިއްކުން ހިމެނެއެވެ. ހަމައެހެންމެ 331 މީޓަރުގެ ސަރަހަައްދެއްގައި ބޭރުތޮށިލުމަށް ހަމަޖެހިފައިވާއިރު، 204 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުން ހިމެނެއެވެ.

އޭގެ އިތުރުން 50 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 2,102 އަކަ މީޓަރުގެ ސަރަހައްދެއްގައި .ޕޭވްމަންޓް ހެދުމާއި، ނެރު ބައްތިއާއި، މަގުމަތީ ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ