ތަރައްޤީގައި އިންޑިއާއާއެކު ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން އޭޝިއާ އިކޮނޮމިކް ޑައިލޮގްގައި މިނިސްޓަރ ޝާހިދު ވާހަކަފުޅު ދައްކަަވައިފި

28 ފެބުރުއަރީ 2021 - 11:14

މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު، އޭޝިއާ އިކޮނޮމިކް ޑައިލޮގްގެ "ޕަރސްޕެކްޓިވްސް އޮން އިންޑިއާސް އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް ކޯޕަރޭޝަން" ބައްދަލުވުމުގައި ވާޗުއަލްކޮށް މިއަދު ބައިވެރިވެވަޑައިގެންފިއެވެ. އިންޑިއާގެ ކުރީގެ ފޮރިން ސެކްރެޓަރީ ވިޖޭ ގޮކާލް ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުގެ އިތުރުން ބޫޓާންގެ ޚާރިޖީ ވަޒީރާއި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީގެ އިކޮނޮމިކް ރިލޭޝަންސް ސެކްރެޓަރީ ބައިވެރިވެވަޑައިގަތެވެ.

މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝާހިދު ވަނީ މި ސަރުކާރު 2018 ވަނަ އަހަރު ވެރިކަމާ ހަވާލުވިފަހުން އިންޑިއާއިން ދިވެހިރާއްޖޭގެ ތަރައްގީއަށް ވެދެމުންދާ އެހީތަކަށް އަލިއަޅުވާލައްވާފައެވެ. އިންޑިއާއިން ދެއްވާ އެހީތައް މިނިސްޓަރ ޝާހިދު ސިފަކުރެއްވީ ސިފަކުރެއްވީ ދިވެހި ގާނޫނުތަކަށް ފެތޭ، ދެފުށް ފެންނަ އަދި ދިވެހިންގެ ބޭނުންތަކަށް ފެތޭ ގޮތަށް ފޯރުކޮށްދޭ އެހީތެރިކަމެއްގެ ގޮތުގައެވެ. ވަކިން ޚާއްސަކޮށް އިންޑިއާގެ އެހީގައި ކުރިއަށްގެންދާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އިންޑިއާގެ "ނެއިބަރހޫޑް ފަސްޓް" އަދި "ސަގަރް (SAGAR)" ސިޔާސަތުތަކަށް އަލިއަޅުވާލައްވަމުން، އިންޑިއާ ކަނޑުގެ ސަރަހައްދުގައި ސުލްހަ ދެމެހެއްޓުމުގައި އިންޑިއާގެ މުހިންމު ދައުރު މިނިސްޓަރ ޝާހިދުވަނީ ފާހަގަކުރައްވާފައެވެ. މޫސުމީ ބަދަލުތަކާއި ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭ މަޝްވަރާތަކުގައި އިންޓަނޭޝަނަލް ސޯލަރ އެލަޔަންސް އަދި ކޯލިޝަން ފޮރ ޑިޒާސްޓަރ ރެޒިލިއެންޓް އިންފްރާސްޓްރަކްޗަރ ފަދަ ބައިނަލްއަގުވާމީ ޕްލެޓްފޯމްތައް މެދުވެރިކޮށް އިންޑިއާއިން އިސް ރޯލެއް އަދާކުރުމަށް ދިވެހިރާއްޖެއިން ބޭނުންވާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އޭޝިއާ އިކޮނޮމިކް ޑައިލޮގްއަކީ އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ ޖިއޯ-އިކޮނޮމިކްސް ކޮންފަރެންސްއެކެވެ. އަދި 2021 ގެ އޭޝީއާ އިކޮނޮމިކް ޑައިލޮގް ބާއްވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއާއި ޕޫނޭ އިންޓަނޭޝަނަލް ސެންޓަރާއި ގުޅިގެންނެވެ. މިއީ މިޑައިލޮގް ބާއްވާ ފަސްވަނަ ފަހަރެވެ. އަދި ޕޫނޭ އިންޓަނޭޝަނަލްއިން އިންތިޒާމުކުރާ ދެވަނަ ފަހަރެވެ. މިބައްދަލުވުމުގެ އެންމެ މުހިންމު ބޭނުމަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯޑީގެ ޚާރިޖީ ސިޔާސަތާއި އިންޑިއާ ސަރުކާރުން "ނެއިބަރހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ހިންގޭ ސިޔާސީ އަދި އިގްތިސާދީ ކަންކަމުގެ މައްޗަށް އަލިއަޅުވާލައި މަޝްވަރާކުރުމެވެ.